އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމަށް ބ. އަތޮޅު ކައުންސިލުން މަރުޙަބާ ދަންނަވައިފި އެވެ.
ބ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ވެރިކަމުގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެދަށުން ރައްޔިތުންނަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ބ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދީ، އިބޫގެ ސަރުކާރާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.