
ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ތާރު މިރަށަށް ގެނެސްފި އެވެ.
އެގޮތުން މިރަށުގެ 17 މަގެއްގައި ތާރު އެޅުމަށް ބޭނުންވާ 886 ފީފާގެ ތާރު މިހާރު ވަނީ މިރަށަށް ގެނެސްފަ އެވެ.
ތާރު އެޅުމަށް ބޭނުންވާ ބައެއް ސާމާނު އޭދަފުށްޓަށް ގެންގޮސްފައިވާއިރު އަންނަ ހަފްތާތެރޭ ތާރު އެޅުމަށް ބޭނުންކުރާ މެޝިނަރީޒް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާ މީހުން މިރަށަށް އަންނާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އުފައްދާފައިވާ ޕަބްލިކް ވޯކްސް ސާވިސްއިން ބުނެއެވެ.
މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، އަލަށް އިތުރު ކުރެވުނު ދެ މަގުގައި ހިމެނޭ ޕޭވްމަންޓް ލެވަލް ކުރުމާއި ޕޭވްމަންޓުގައި ގާ އެތުރުމާއި ހޮޅި ވަޅުލުމުގެ އިތުރުން ތާރު އެޅުމަށް ތައްޔާރު ކުރުމުގެ ގޮތުން މަގުތަކުގައި ސީއެސްބީ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.
33.2މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ތާރު މިރަށުގެ މަގުތަކުގައި ތާރު އަޅައި މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އެއް އަހަރު ދުވަހުން ނިންމާގޮތަށް، މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކުރީ 2015 ވަނަ އަހަރު އެވެ. އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.
