ބ އަތޮޅުގައި ފުރަތަމަ ފަހަރަށް ބާއްވާ މަންތާ ފެސްޓިވަލް ބާއްވަން ނިންމައިފި އެވެ.
“ދަ މަންޓާ ޓްރަސްޓު”ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފެސްޓިވަލް އޮންނާނީ އަންނަ ނޮވެމްބަރު 24 ގައި ދަރަވަންދޫގަ އެވެ.
ދަ މަންތާ ޓްރަސްޓް އިން ބުނިގޮތުގައި މި ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.
އެގޮތުން މި ފެސްޓިވަލުގައި ބ.އަތޮޅުގެ ސަރަޙައްދުގައި އާންމުކޮށް އުޅޭ މަޑިތަކާ އެހެނިހެން ދިރޭ ތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން އާންމުންނާ ސްކޫލުތަކުގެ ދަރވަރުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާކަމަށް ވެސް މަންޓާ ޓްރަސްޓް އިން ބުނެ އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށްތަކަށާއި ސްކޫލްތަކަށް ބައިވެރިވެވޭ ގޮތައް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެ އެވެ. އަދި ޢާއްމުންނަށް ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާ، މި ޞަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުން މި ފެސްޓިވަލުގައި މަޢުލޫމަތުދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފެސްޓިވަލުގައި މައުލޫމަތު ޙިއްސާކުރުމުގެ ޚާއްޞަ ހަރަކާތްތަކާ، ލައިވް މިއުޒިކް ޝޯވްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މަންޓާ ޓްރަސްޓާއެކު މިފެސްޓިވަލް ރޭވުމުގައި ބައިވެރިވާ، ބ ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ ޢަލީ ވިދާޅުވީ މި ފެސްޓިވަލުގެ ޒަރިއްޔާއިން މި ޞަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނާ، ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި މަޑިފަދަ ދިރުންތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރާނެ ކަމަށެވެ.
މަންޓާ ޓްރަސްޓުގެ ފަރާތުން ފްލޮސީ ބަރައުޑް ވިދާޅުވީ ފެސްޓިވަލްގެ ތެރެއިން އެންމެ ޚާއްޞަކަމެއްގެ ގޮތުން ކުރާނީ ދަރިވަރުންނަށް ފީނަން ދޭ ފުރުޞަތު ކަމަށެވެ.
މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މި ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ މި މިފެސްޓިވަލުގައި ބ. އަތޮޅުގެ ގިނަ ރިސޯޓުތަކަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ބ. އަތޮޅަކީ އާދަޔާ ޚިލާފަށް ކަނޑުގެ ޤުދުރަތީ މުއްސަދިކަން ބޮޑު ޞަރަޙައްދެއްކަމުން ޔުނެސްކޯއިން ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަޑައަޅާފައިވާ ޞަރަޙައްދެކެވެ. އޭގެ ތެރެއިން އެއް ތަނަކީ ހަނިފަރު ސަރަހައްދެވެ. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދެވެ. މީގެ އިތުރުން ވަރަށް ނާދިރު ބާވަތްތަކުގެ މުރަކަ އާއި އެ ނޫން ދިރޭ ތަކެތި ވެސް މި ސަރަހައްދުގައި ހިމެނެ އެވެ. ހަނިފަރަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް މުހިއްމު މަންޒިލެކެވެ. އެ ފަރުން އެކަނިވެސް އަހަރެއްގެ ތެރޭ އެތައްލައްކަ ޑޮލަރު ލިބޭކަމަށް ދިރާސާތަކުން ދައްކަ އެވެ.


