ޑިންގީއެއްގެ އިންޖީނުގެ ބުރަފަތީގައި ޖެހި ބ. ތުޅާދޫ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ މަލަހިނި ކުޑަބަނޑޮސް ރިސޯޓުގައި މަސައްކަތްކުރާ ބ. ތުޅާދޫ، ބަގީޗާގެ، އުމަރު ހަސަންއަށެވެ.
މިއަދު އިރުއޮއްސި 6:40 ހާއިރު ހިނގި އެ ހާދިސާ ހިނގީ އެ ރިސޯޓުގެ ފަޅުތެރޭގައި އިންޖީނު ސްޓާޓުކޮށްފައި އޮއްވާ، މޫދަށް ވެއްޓި ބުރަފަތީގައި ޖެހިގެން ކަމަށް އުމަރު ހަސަންގެ އާއިލާއިން ބުނެއެވެ.
ވަން އޮންލައިން ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިންގީގެ ބުރަފަތީގައި ޖެހި އުމަރު ހަސަންގެ ފައި ވަރަށް ބޮޑަށް ކަފައިގެން ދިއުމުން ފައިގެ ބައެއް ކަށިތައް ވެސް ފެންނަން ހުއްޓެވެ. އަދި ފައިގެ އިތުރުން އޭނާގެ ބަނޑަށް ވެސް އަނިޔާތަކެއް ލިބިފަވާކަމަށް ބުނެފައިވެ އެވެ. އެ އަނިޔާތަކާއެކު އޭނާ ޑިންގީއަށް އަރާފައިވަނީ ވެސް އަމިއްލައަށެވެ.
އެ ހާދިސާއާ ގުޅިގެން އުމަރު ހަސަނަށް ފަރުވާ ދިނުމަށް މިރޭ 7:00 ހާއިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ފަރާތުންނެވެ.

