ޓިވެކްގެ ކެރިއާ ޑޭ އަށް ބޮޑު ތަރުހީބެއް

ބ.ކިހާދޫގައި ހުންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރ (ޓިވެކް) އިންބޭއްވި ކެރީއަރ ޑޭ” ފޮޓޯ / މުޙައްމަދު ނައުރިފް ބ.މީޑިއާ ސެންޓަރ

ބ. ކިހާދޫގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގައި ކިޔަވާ ދަރިވަރުންނަށް ބޭއްވި ފުރަތަމަ ކެރިއާ ޑޭ ވަރަށް ކާމިޔާބު ކަމަށާއި އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓިވެކުން ބުނެފި އެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ ސެންޓަރުގައި އިއްޔެ ބޭއްވި ކެރިއާ ޑޭގައި ބޮޑެތި ރިސޯޓްތަކުންނާއި އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވި ރިސޯޓްތަކުން ބުނި ގޮތުގައި މިއީ ވަރަށް ކާމިޔާބު ކެރިއާ ޑޭ އެއްކަމަށާއި ކޮންމެ ކުއްޖަކާ ވަކިން އިންޓަވިއު ކުރިއިރު، އެންމެ ބޮޑަށް ފެނިގެން ދިޔައީ ޓިވެކް ސެންޓަރުން ތަމްރީނުކޮށްފައި ތިބި ކުދިންނަކީ އަޙްލާގީ ގޮތުން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި ކުދިންތަކެއް ކަމަށެވެ. އަދި އިންޖިނިއަރިން ދާއިރާއިން ރިސޯޓުތަކާ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން އެކުދިންގެ ކިބައިގައި ހުރިކަންވެސް އެފަރާތްތަކުން ފާހަގަކުރި ކަމަށް ޓިވެކުން ބުނެއެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް ހިންގާ އެ ސެންޓަރުގައި ހިލޭ ކިޔަމަމުން އަންނަ 12 އަތޮޅެއްގެ 45 ދަރިވަރުން މިހާރު ވަނީ ތަމްރީނުވެފަ އެވެ. އަދި އެ ދަރިވަރުން ވަނީ މަސައްކަތުގެ މާހައުލުގައި، އިތުރު ތަމްރީން ހޯދުމަށް ރިސޯޓްތަކާއި ކުންފުނިތަކުގައި އަމަލީ ތަޖުރިބާ ވެސް ހޯދައިފަ އެވެ.

ޓިވެކުން އަންނަނީ އެ ސެންޓަރުގެ ފުރަތަމަ ބެޗްގެ ގުރެޖުއޭޝަން މިމަހުގެ އަންނަ ބުދަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިހާދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން، ދެ ލައްކަ އަށް ވުރެ ބޮޑު އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.