ޓިވެކުން 44 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

ޓިވެކްގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރުން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ބ. ކިހާދޫގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އިން ކޯސްތައް ފުރިހަމަކުރި 44 ދަރިވަރަކު މިއަދު ގްރެޖުއޭޓްވެއްޖެ އެވެ.

ކޯސްލައިން ފައުންޑޭޝަނުން ކިހާދޫގައި ހިންގާ އެ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފުރަތަމަ ބުރުގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ޓިވެކްގެ އެކަޑަމިކް ޑައިރެކްޓަރު ނާސިހް ޖަމާލު އެވެ.

ޓިވެކްގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓްދެނީ—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ޓިވެކްގެ ފުރަތަމަ ބެޗުން ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓްދެނީ—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އިލެކްޓްރޯނިކްސް ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މައިޒާން އަހުމަދު މަނިކު ވިދާޅުވީ، ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނަ ވަރަކަށް ޓެކްނިކަލް ދާއިރާތަކުން ވެސް މީހުން ބިނާކުރަން ޖެހޭ ކަމަށެވެ. އެހެންވެ ކޯސްޓްލައިން ފައުންޑޭޝަންގެ އެ މަރުކަޒަކީ ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ތަމްރީން ކުރެވޭނެ މުހިއްމު ތަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ގައުމުގައި އިންފްރާ ސްޓްރަކްޗާ ވަރަށް ފުރިހަމަ. އެހެން ނަމަވެސް މޭން ޕަވާ ހަގީގަތުގައި ނެތީ. އެކަމަށް އަޅުގަނޑުމެން ޒުވާނުން އެބަ ތައްޔާރުކުރަން ޖެހޭ. މިއަދު ގުރެޖުއޭޓްވި ދަރިވަރުންނަށް އެ މަގު ފަހިކޮށްދިނީނީ ކޯސްޓްލައިނަށް ޝުކުރު ދަންނަވަން،”

ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ، ޖީލެއް ބިނާވެގެން ދާއިރު ގާބިލް ޒުވާނުންތަކެއް އުފައްދަން ޖެހޭ ކަމަށެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވި ޓިވެކްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ ކަމަށް ނަޒީފު ވިދާޅުވި އެވެ.

ދަރިވަރުންނަށް ހިލޭ ކިޔަވައިދެމުން އަންނަ ޓިވެކުގައި ފުރަތަމަ ބެޗުގައި ތަފާތު ތިން ކޯހެއް ވަނީ ހިންގައިފަ އެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތަކެވެ. މި ކޯސްތައް ޓިވެކުން ފެށީ 50 ދަރިވަރުންނާއެކު އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ހަ ދަރިވަރަކު ވަނީ ޕްރޮގްރާމުން ވަކިވެފަ އެވެ.

ޓިވެކްގެ ފުރަތަމަ ބެޗުން ދަސްވެނިވި ބައެއް ދަރިވަރުން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

އެ ސެންޓަރުން ބުނީ ދެ ވަނަ ބެޗަށް ކުދިން ހޯދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.