
އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން އަތޮޅުން ބޭރުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.
އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަހްމަދު ނާސިރު ބުނީ މިމެޗަކީ އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިސްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން މެޗެއް ކަމަށެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ވެޓަރަންސް ޓީމުގެ ފަރިތަކުރުންތައް މިދިޔަ ހޮނހިރު ދުވަހު ވަނީ ފަށައިފަ އެވެ.
ނާސިރު ބުނީ މި މެޗު ކުލޭނެ ސީދާ ދުވަހެއް އަދި ފައިނަލް ނުވާ ކަމަށާއި އެހެން ނަމަވެސް ބައެއް އަތޮޅުގެ ބައެއް ރަށްރަށާ ވާހަކަ ދެކެވެމުންދާ ކަމަށެވެ.

“ސިލްސިލާކޮށް މި ސީރިސް މެޗުތައް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަކު އަނެކަކާ އަދި އެއްރަށް އަނެއްރަށާ އެކުވެރިކަން ބަދަހިކުރުން. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެން އެކުގައި މަސައްކަތް ކުރުން،” އޭދަފުށީގެ ފުޓްބޯޅައަށް ގިނަދުވަސްތަކަކު ހިދުމަތްކޮށްފައިވާ އަދި މިހާރުވެސް ހިދްމަތުގައި ދެމިހުރި ނާސިރު ބުންޏެވެ.
ނާސިރު ބުނީ، މި މެޗުގައި ވެސް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ފެންނާނެ ކަމަށެވެ.
އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު އޭދަފުށި އަދި މާލޭގައި ވެސް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭގެ އިތުރުން ރަށުން ބޭރުގައި ވެސް ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ.
