
ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ދެވަނަ ބެޗުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީމަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ އިތުރުން ޕްލަންބަރ ކޯހެކެވެ. މި ކޯސްތަކުން ޖުމްލަ 50 ދަރިވަރުންނަށް ދެވަނަ ބުރުން ވެސް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.
“އަޅުގަނޑުމެން އެއްވެސް ކުއްޖެއްގެ އެއްވެސް އަތުން ފީއެއް ނުނަގާނަން. މިތަނުގައި ހުރިހާ ކަމެއް ވެސް ހަމަ އޮންނާނީ ހިލޭ. ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮންނާނެ،” ޓިވެކުން ބުންޏެވެ.
ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. 18 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯސްތަކަކީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތަކެކެވެ.

ކޯސްޓްލައިނުން މި ކެމްޕަސް ގާއިމުކޮށްފައިވަނީ ކިހާދޫގެ 240،000 ވުރެ ބޮޑު ބިމެއް ނަގައިގެންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަރިވަރުން ބައިވެރިވި ޓިވެކްގެ ފުރަތަމަ ބެޗުގެ ކޯސްތައް 44 ދަރިވަރުން ވަނީ ފުރިހަމަކޮށްފަ އެވެ.
ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ކިހާދޫގައި ގާއިމުކޮށްފައިވާ ޓިވެކްގެ އޮފީހަށް (ސްޓޫޑަންޓް ސާވިސް 7434324) އަށް ގުޅުމުން ފޯމް އީމެއިލް ވެސް ކޮށްދޭނެ އެވެ.
ޓިވެކުގެ ދެ ވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލާފައިވާއިރު އެ މަރުކަޒުގެ ކިޔެވުން ދެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.
