އެފްއޭއެމުން ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ބ. އޭދަފުށީގައި ގާއިމުކުރާ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހަށް ކޯޗުންނާއި ޑިވެލޮޕްމަންޓް އޮފިސަރެއް ހޯދަން އިއުލާންކޮށްފި އެވެ.
އެފްއޭއެމުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މިރަށުގައި ގާއިމުކުރާ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހަށް ހޯދަނީ ފަސް ކޯޗުންނާއި ޑިވެލޮޕްމަންޓް އޮފިސަރެކެވެ. އެ މަގާމުތަކަށް (ޕާޓްޓައިމް) ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ޒޯން ޑިވެލޮޕްމަންޓް އޮފިސަރަށް މުސާރައިގެ ގޮތުގައި މަހަކު 6,939 ރުފިޔާ ލިބޭއިރު، ކޯޗުންނަށް މަހަކު 6,168 ރުފިޔާ ލިބޭނެ އެވެ. އޮފީސް ކުރިއަށްދާނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.
ޒޯން ޑިވެލޮޕްމަންޓް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ޒޯންތަކުގައި އަންހެން، ފިރިހެން ގުރާސް ރޫޓް ޕްރޮގުރާމް ކުރިއަށް ގެންދިއުމާއި އާ ކުޅުންތެރިން އުފެއްދުމަށް ޔޫތު ޑިވެލަޕްމެންޓް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
“އަތޮޅު ފުޓްބޯޅަ” ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓާ އެކު، މާލެ އަށް ފުޓްބޯޅަ ބަރޯސާވެފައިވާވުން ކުޑަވެގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ޔޫތު ޑިވެލޮޕްމަންޓާއި އިންޓަ ސްކޫލް މުބާރާތްތައް އެކު ސަރަހައްދުތަކަށް ބެހިގެން ދިއުމުން، މިހާރު ވެސް އެ ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.


