
ސްކޫލުތައް ޑިޖިޓައިޒްކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބަހަން ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން އެންމެ ފުރަތަމަ ޓެބްލެޓް ބެހީ ގްރޭޑް ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށެވެ.
އެ ސްކޫލުން ބުނީ މިހަފްތާ ނިމުމުގެ ކުރިން އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ވެސް ޓެބްލެޓް ބަހަން ފަށާނެ ކަމަށެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލުތައް ޑިޖިޓައިޒް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ސްކޫލު ވައިފައިކޮށް ވެސް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި އަންނަ ދިރާސީ އާ އަހަރު އެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރު މެދުތެރޭ ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށްފަ އެވެ. އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުން އަހުލުވެރިކުރުވަން ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.
ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ގްރޭޑް 1-12 އާ ހަމައަށް ކިޔަވާ ހުރިހާ ދަރިވަރުންގެ އަތަށް ޓެބްލެޓް ދިނުމަށް ނިންމައި، އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ފެށި ޓެބްލެޓް މަޝްރޫއުގެ އެކި މަސައްކަތްތައް މިނިސްޓްރީން ކުރިން ދިން ޑެޑްލައިންތަކަށްވުރެ މާ ބޮޑަށް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ބެލެނިވެރިންނާއި ކުދިން އުންމީދުކުރި ގޮތަށް އެހާ އަވަހަށް ހުރިހާ ކުދިންނަށް ޓެބްލެޓް ހަވާލުނުކުރެވުނީ އޭގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަގުތު ބޭނުންވުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
