ބ. އަތޮޅު މަންތާ ފެސްޓިވަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަތޮޅު ކައުންސިލާއި ދަރަވަންދޫ ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން މަންތާ ޓްރަސްޓް ޖަމިއްޔާ ގުޅިގެން ބާއްވާ ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ދަރަވަންދޫގަ އެވެ.
ކުރީގެ ރައީސް ނަޝީދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް މި ފެސްޓިވަލުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ދަ މަންތާ ޓްރަސްޓް އިން ބުނިގޮތުގައި މި ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.
އެގޮތުން މި ފެސްޓިވަލުގައި ބ.އަތޮޅުގެ ސަރަޙައްދުގައި އާންމުކޮށް އުޅޭ މަޑިތަކާ އެހެނިހެން ދިރޭ ތަކެތި ރައްކާތެރިކުރުމާބެހޭ ގޮތުން އާންމުންނާ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާކަމަށް ވެސް މަންޓާ ޓްރަސްޓް އިން ބުނެ އެވެ.
ބ. އަތޮޅުގެ ހުރިހާ ރަށްތަކަށާއި ސްކޫލްތަކަށް ބައިވެރިވެވޭ ގޮތައް އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެ އެވެ. އަދި ޢާއްމުންނަށް ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދިނުމަށް ހަމަޖެހިފައިވެ އެވެ.
މި ފެސްޓިވަލަށް ދަރަވަންދޫ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

