ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން އޭދަފުށި ސާފުކޮށްފި

މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ދަށުން މިއަދު އޭދަފުށި ސާފުކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން 70 އެއްހާ މީހުން ބައިވެރިވި އެވެ. އަދި އާއްމުންގެ ދެތިން މީހަކު ވެސް ބައިވެރިވި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ވިދާޅުވީ މިއަދު ރަށް ވަށައިގެން ސާފުކުރިއިރު ގަޑިއެއްހާއިރު ތެރޭ އެންމެ ބޮޑެތި ކަޅު ކޮތަޅުގެ 50 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި އެއްކުރެވިފައިވާ ކަމަށެވެ. އަދި އެކި ކަހަލަ ކުނި ވަކިކޮށް އެއްކުރެވުނު ހުރިހާ ކުނިތައް ގޮނޑަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ސާފު ކުރުމުގެ ހަރަކާތުގައި އާއްމުންގެ ތެރެއިން ބައިވެރިވި އަހްމަދު ނާސިރު ބުނި ގޮތުގައި ރާއްޖެ ސާފުކުރުމުގެ ހަރަކާތާ ގުޅިގެން މިއަދު މިރަށް ވަށައިގެން ސާފުކުރިއަސް އެންމެ މުހިއްމީ އަބަދުވެސް ސާފުތާހިރުކޮށް ރަށް ބޭއްވުމެވެ. އެގޮތުން ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަން އޭނާ ކުރި އެވެ.
“އެންމެ ބޮޑަށް ފާހަގަކުރެވުނީ ގިނަ ދުވަހަށް ދެމިހުންނަ ޕްލާސްޓިކް ކޮތަޅާއި އެނާޖީ ޑްރިންކްސް ހުސްކުރި ދަޅާއި ފުޅި އާއި ޕެކެޓް ފަދަ އެއްޗެހި ވަރަށް ގިނައިން ހުރިކަން. ދެން ގަސްތައް ތެރެއަށް، ފުޅި އާއި ދަޅު އުކައިފައި ހުރީމަ ވާރޭ ވެހޭ އިރު ފެން ހަރުލައިގެން މަދިރިފަނި އަޅާ ގޮތަށް ހުރި ކަން ވެސް ފާހަގަވި،” ނާސިރު ބުންޏެވެ.

މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

“ފަރުދީ ޒިންމާ އެބައޮތް ގޮނޑުދޮށާއި އަތިރި މައްޗަށް ކުނި ނޭޅުމުގައި. ކޮންމެ މީހަކު ވެސް އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެގޮތުން ބަނދަރުގެ އެކި ސަރަހައްދު ތަކުގަ އާއި އާއްމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އުނި އަޅާނަމަ މިކަމަށް ކޮންމެވެސް ހައްލެއް ލިބިދާނެ ދާނެ. އަދި އިތުރު ސަރަހައްދު ތަކުގައި ޑަސްބިންތައް ބަހައްޓައި ކުންޏާމެދު އާއްމުން ހޭލުންތެރިކޮށް މިކަމަށް އަހުލުވެރި ކުރުވަން ޖެހޭ. އަދި ހުރިހާ މިހަކަލަ ކަންކަމުގައި ހުރިހާ ފަރުދުންގެ ބައިވެރިވުން ވެސް މުހިއްމު،”

“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” ނަމުގައި ސަރުކާރުން މުޅި ރާއްޖޭގައި މިއަދު ފެށި މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖް ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ. އަދި ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމަކީ ޕްރޮގްރާމްގެ އެއް ބޭނުން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.