
ބ. އޭދަފުށީގައި ބެޑްމިންޓަން އިތުރަށް ފުޅާކުރުމަށް ވައިޑީޕީ ޕްރޮގްރާމް ހަރުދަނާ ކުރެވިއްޖެނަމަ، ގައުމީ ފެންވަރުގައި ގުނާލެވޭނެ ގިނަ ކުޅުންތެރިންނެއް ނެރެވޭނެކަމަށް އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނެފި އެވެ.
ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ އޭދަފުށިން ވަނީ ބެޑްމިންޓަނުން ވެސް އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވުމުގެ ޕްލޭނަކާ އެކު އަންނަ އަހަރު ވައިޑީޕީ ފަށަން ނިންމައިފަ އެވެ.
ކްލަބް އޭދަފުށީ ބެޑްމިންޓަން ޓީމުން ބުނީ އެ ކްލަބުގެ އަމާޒަކީ ގައުމީ ފެންވަރުގެ ޒުވާން ގިނަ ކުޅުންތެރިން އޭދަފުށިން އުފެއްދުން ކަމަށެވެ.
“އަމާޒަކީ ޕްރޮސެޝަނަލް ކޯޗެއްގެ ބެލުމުގެ ދަށުން ވައިޑީޕީ ޕްރޮގްރާމު އިތުރަށް ހަރުދަނާކޮށް ގައުމީ ފެންވަރުގައި ކުޅޭނެ އިތުރު ކުޅުންތެރިން އުފެއްދުން،”
ރާއްޖޭގެ ފުޓްބޯޅައާ އެންމެ ހާއްސަ ގުޅުމެއް އޮންނަ އޭދަފުއްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. މިހާރު ވެސް ގައުމީ ފުޓްބޯޅަ ޓީމުގަ އާއި ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުގައި ވެސް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ.
“ފުޓްބޯޅައަށް ސަޕޯޓް ކުރާ އުސޫލުން ބެޑްމިންޓަން ކުރިއަރުވަން އޭދަފުށީ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިއައްވުރެ ގިނަ ކާމިޔާބުތަކެއް ހޯދޭނެ، އަދި މިއަށްވުރެ ރަގަޅު ޓީމެއް ކުރިމަގުގައި އޭދަފުށިން ފެނި ފުޓްބޯޅައެކޭ އެއްގޮތަށް ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ނެރެވޭނެ،”
ބެޑްމިންޓަނުން ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން އުފައްދަން އޭދަފުށިން މަސައްކަތް ފަށާފައިވާއިރު، ކްލަބް އޭދަފުށީ ބެޑްމިންޓަން ޓީމަކީ މި އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަން ޓީމެވެ. އަދި ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އިވެންޓުން އަބްދުލް މަތީން އަހުމަދު އާއި ފިރިހެން ޑަބަލްސް އިވެންޓުން މަތީން އާއި ހުސައިން މުހައްމަދުގެ ޕެއާއިން ވެސް ވަނީ ޗެންޕިއަން ހޯދައިފަ އެވެ.
މީގެ އިތުރުން މިއަހަރު ވަނީ އަތޮޅު ލީގުގެ ޗެމްޕިއަންކަން ވެސް ފަސް ވަނަ ފަހަރަށް އޭދަފުށީ ޓީމުން ހޯދައިފަ އެވެ.
