
ބ. އޭދަފުށީ، މޫދުވިނަ އަބްދުއްސައްތާރު ހުސައިން (ދޮންބެ ސައްތާރު) ނިޔާވެއްޖެ އެވެ.
އުމުރުން 66 އަހަރުގައި އޭނާ ނިޔާވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެއުޅުމަށްފަހު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ސައްތާރަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތްތަކުގައިވެސް އަމަލީގޮތުން އުޅުއްވި މަޖާ މިޒާޖެއްގެ މީހެކެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތު ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އަލްމަރުހޫމް އަބްދުއްސައްތާރު ހުސައިންގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.
