
ވަރަށްބޮޑަށް ހަލާކުވެ މަރާމާތު ނުކުރެވި 14 އަހަރުވެފައިވާ ބ. ކިހާދޫ ބަނދަރު މަރާމާތުކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ނައިބް ރައީސް ފައިސަލް ނަސީމު ދެއްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ކިހާދޫއަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ކިހާދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން ބަނދަރުގެ ދަތިތަކަމަކީ ސަރުކާރުން އިސްކަމެއް ދީގެން ހައްލުކުރައްވާނެ ކަމެއް ކަމަށެވެ.

” ކިހާދޫގެ ބަނދަރުގެ މައްސަލައަކީ މިހާރުން މިހާރަށް ވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ސަރުކާރުން ދެކިލައްވާ.”
ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ، އެރަށުގެ ބަނދަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ އެކި ވުޒާރާތަކުގައި އެދިފައިވާކަން ލިޔެކިއުމުން ފެންނަން އެބަހުރި ކަމަށެވެ.
“ކައުންސިލުން މިކަމަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތަތަކެއް ކުރެވިއްޖެ، އަދި އޭގެއިތުރުން މި އަހަރުގެ ބަޖެޓްގައި ކިހާދޫ ބަނދަރު ހެދުމަށްވަނީ ހިމަނާފަ. އެންމެ ފަހުން މާލެގޮސް މިބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް މިވާހަކަތައް މިވަނީ ހިއްސާކޮށްފަ. އެންމެ އަވަހަށް ފެށޭ ބަނދަރުތަކުގެ ތެރޭގައި ކިހާދޫ ބަނދަރު ހިމެނޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފަ. އެހެންކަމުން ރައްޔިތުން މިތިބީ އެދުވަސް ލަސްނުވެ ފެންނާނެކަމުގެ އިންތިޒާރުގައި،” ފަޒީލު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ ބަނދަރު ހަލާކުވުމުން ގެއްލުންވަނީ ހަމައެކަނި ކިހާދޫ ރައްޔިތުންނަށް އެކަނި ނޫންކަމަށައި، ކިހާދޫއަށް އެކިބޭނުންތަކުގައި އަންނަ މީހުންނަށް މިކަމުގެ ސަބަބުން ދަތިވާކަމަށެވެ. އަދި މީގެ ސަބަބުން އޮޑިދޯނިފަހަރަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަން ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
“މިތަނަށް ވަދެ ނުކުމެ އުޅެނީ ހަމައެކަނި ކިހާދޫ އޮޑިދޯނި ފަހަރެއްނޫން. މިތާ ކައިރި ރިސޯޓްތަކުންވެސް މީހުން އާދޭ. ބޮޑެތި ލޯންޗުތައް މިއަންނަނީ އެ މީހުންވެސް ބޭނުމެއް ނުވާނެ ދެއްތޯ މިތާ ޖެހިގެން ލޯޗު ނުވަތަ ފެންޑަރެއް އަދި ވަލެއްވެސް ކަނޑައިގެން ދާކަށް، މި ރަށުގައި އޮޑިދޯނިފަހަރު ގެންގުޅޭ މީހުން ގަދަވެއްޖެއްޔާ ތިބޭނީ ނުނިދާ ބަނދަރުގައި، އެއްގަމު ތޮއްޓާ އެއްވަރަށް ބޭރު ތޮށިވެސް މިއޮތީ ހަލާކުވެފަ.” ފަޒީލް ވިދާޅުވިއެވެ.
ކިހާދޫ ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކިހާދޫ ރައްޔިތުންނާއި، ސަރުކާރުގެ އެހީއާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަދާފައިވާ ބަދަރެކެވެ. ބަނދަރު ހެދިތާ ގިނަ ދުވަސްތަކެއް ނުވެ 2004 ވަނައަހަރު މުޅިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކިހާދޫ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.
