
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ ގައި ރޭ ގްރީން ސްޓްރީޓް އަތުންވެސް ބަލިވެ، ކްލަބް އޭދަފުއްޓަށް ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެއްޖެއެވެ.
މި ދެ ޓީމުވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވުމުން މިރޭ މޮޅެއް ހޯދުން އޮތީ މަޖުބޫރުވެފައެވެ. ގްރީން ސްޓްރީޓްސް ގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 1-0 އިން ބަލިވިއިރު އޭދަފުށި ފުރަތަމަ މެޗުގައި 3-1 އިން ވަނީ ކްލަބް އީގަލްސް އަތުން ބަލިވެފައެވެ. ފުރަތަމަ ދެ މެޗުން ބަލިވެ އޭދަފުށި ގްރޫޕުގެ ފުލުގައި އޮތްއިރު އެޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރަން ބޭނުންނަމަ ބާކީ އޮތް ދެ މެޗު ކާމިޔާބުކުރަން ޖެހޭނެއެވެ.
މިރޭގެ މެޗަށް ނުކުތްއިރު އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑު ދެއްކުމުން އޭދަފުށީގެ އަހުމަދު އައިހަމް ހުރީ ސަސްޕެންޝަނުގައެވެ. މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ ފުރަތަމަ ގޯލަކީ 20 ވަނަ މިނެޓުގައި އޭދަފުށީގެ ހުސައިން ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަބްދުﷲ ޔާމީން އޭދަފުށީގެ ގޯލްކީޕަރު ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ ޝަރީފް އަތުން ބައިކޮޅަށް ވަނީ ގޯލު ރޮނގުމަތިން އެ ބޯޅަ ސަލާމަތްކުރަން އުޅުމުގެތެރޭގައެވެ.
ގްރީންސް ސްޓްރީޓްސް އިން ލީޑު ނެގިފަހުން އޭދަފުށިންވެސް
ވަނީ ކުޅުން ރަނގަޅު ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެޓީމަށް
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ހުއްޓުވުމުގައި ގްރީން ސްޓްރީޓްސްގެ
ގޯލްކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0
އިން ގްރީން ސްޓްރީޓްސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފެށިގެން
ގްރީން ސްޓްރީޓްސް އިން ވަނީ ފުރަތަމަ ދިހަ މިނެޓުތެރޭ ދެ ގޯލު ޖަހައި 3-0 އަށް
ނަތީޖާ ބަދަލުކޮށްލައިފައެވެ. އެޓީމުގެ ދެ ވަނަ ގޯލު 53 ވަނަ މިނެޓުގައި ޖެހީ
އަހުމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) އެވެ. ބައްކު މި ގޯލު ޖެހީ ހިތްގައިމު
ޕާސް ތަކަކަށްފަހު އޭރިޔާތެރެއަށް ވަތް ވަގުތު ލިބުނު ބޯޅައެއް އެއްފަހަރުން
ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ދެ މިނެޓުފަހުން ގްރީން ސްޓްރީޓްސް ގެ
ތިން ވަނަ ގޯލު ޖެހީ މިދިޔަ އަހަރު ގައުމީ ސްކޮޑުގައިވެސް ހިމެނުނު ޔާމީން އެވެ.
އޭރިޔާ ބޭރުން ޔާމީން ފޮނުވާލި ބޯޅަށް ގޯލަށް ވަނީ ކައިރީގައި ހުރި އޭދަފުށީގެ
ޑިފެންޑަރު ގައިގައި ޖެހިފައި ގޯލްކީޕަރުގެ ބޯމަތިން ގޮހެވެ.
ގްރީން ސްޓްރީޓްސް އިން ތިން ގޯލުގެ ލީޑެއް ނެގިފަހުން އޭދަފުށީގެ އަލީ ނަސީމް އަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ތިން ގޯލު ފަހަތުގައި އޮތުމުން އޭދަފުށިން ވަނީ ކުރިއަށްޖެހި ގޯލެއް ޖަހަން މަސައްކަތް ކޮށްފައެވެ. އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު އަބާން އަލީ އެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ޖައްސާލި ބޯޅަ އަބާން އަށް ލިބުމުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އޭގެ ފަސް މިނެޓު ފަހުން ގްރީން އަށް މެޗުގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ އަހުމަދު ތޮލާލް އެވެ. ތޮލާލް މި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔާމީން ދިން ބޯޅައަކުންނެވެ.
