އިމާރާތް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ބ. އޭދަފުށީގައި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ރަށު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނީ މިރަށުގައި އިމާރާތް ކުރަމުންދާ ސައިޓް ތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށާއި އަދި އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހަވާލުވެތިބޭ ސައިޓްތަކުގެ ވެރިންނަށް މަސައްކަތްކުރާ ސައިޓްތަކުގެ ވަށައިގެން ދާ ޖަހައިގެން މަސައްކަތް ކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަންގާ ކަމަށެވެ.

އަދި އިމާރާތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މިންވަރު ބެލުމަށްޓަކައި ރަށު ކައުންސިލުން އިންސްޕެކްޓް ކުރާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

“މި އިދާރާއިން އިންސްޕެކްޓް ކުރުމަށްފަހު އެކަށިގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިނުވާ ފަރާތްތަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ ބާތިލުކުރެވޭނެ ވާހަކަވެސް ދެންނެވިން،”

ކައުންސިލުން ބުނި ގޮތުގައި މި ހުއްދަ އަލުން ދުކުރާނޫ އިމާރާތް ކުރުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުންނެވެ.

އޭދަފުށީގައި އުސް އިމާރާތްތަކެއް މިހާރުވެސް ކުރެވެމުންދާއިރު އެތަންތަން އިމާރާތް ކުރެވެމުން ދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަ ނުކޮށެވެ. އެ ތަންތަނުގައި މަސައްކަތް ކުރާ މީހުން އެ މަސައްކަތުގައި އުޅެނީ ސަރުކާރުން އެކަމަށް ހަދާފައި އޮންނަ ގަވާއިދާ އެއްގޮތަކަށް ނޫންކަންވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި އެހެން މީހުންގެ ރައްކާތެރިކަމާ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައްވެސް ނާޅައެވެ.

ސަލާމަތީ ފިޔަވަޅުތައް ފުރިހަމަ ނުކޮށް ހުރުމުގެ ސަބަބުން މަރުގެ ހާދިސާތައް އިތުރުވަމުން ދާތީ، ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން އިން މިހާރުވަނީ ކުރިން ހަދާފައި އޮތް ގަވާއިދު އިތުރަށް ހަރުކަށިކޮށް އާ ގަވާއިދެއް އެކުލަވާލައި ގެޒެޓްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.