
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން އިޢުލާން ކުރައްވާފައިވާ މުހައްމަދު ވަޖީހު މިފަހަރު މަޖިލީހުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.
ވަޖީހު މިއަދު “އީޓީ” އަށް ވިދާޅުވީ، މިފަހަރު މަޖިލީހުގައި ވާދަ ނުކުރައްވަން ނިންމެވީ އޭނާގެ އަންހެނުން ޔަޝްފާ ޢަބްދުލް ޣަނީ އަށް މަކުނުދޫ ދާއިރާއިން ޕީ.އެން ސީ/ޕީޕީއެމް ގެ ފަރާތުން ޓިކެޓް ލިބިފައިވާތީ އެވެ.
“އޭރު އެ ދާއިރާ އަށް އޮތީ ވާނުވާ އެއްގެ ތެރޭގައި. ތިން ފަހަރެއްގެ މަތިން އެކި އެކި ދާއިރާ ތަކަށް ޕީޕީއެމުން ޓިކެޓް ހަވާލު ކުރި އިރުވެސް އޭނާއަކަށް ނުލިބޭ. އެ ދާއިރާއަށް އެހެން މީހަކުވެސް ކުރިމަތިލާފައިވާތީ. އެންމެ ފަހުން ޕީޕީއެމް، ޕީއެންސީ ގެ ޕްރައިމަރީ ބާއްވައި ޔަޝްފާ ވަނީ 72 އިންސައްތައިގެ އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފައި. މިހާރު ވިސްނުން ހުރީ ޔަޝްފާއަށް އެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ކުރެވުނުހާ މަސައްކަތެއް ކޮށްދިނުމަށް. އާއިލާ އާއި ހެޔޮއެދޭ އެންމެން ވެސް ބޭނުންވާ ގޮތަކީ އެއީ.” ވަޖީހު ވިދާޅުވި އެވެ.
މިހާރު ވަޖީހަކީ ޔަޝްފާގެ ރަސްމީ ކެމްޕެއިން އެޖެންޓެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
2009 ވަނަ އަހަރު އެމްޑީޕީ ޓިކެޓް ގައި މަޖިލީހަށް ކުރިމަތިލެއްވި ވަޖީހު ވިދާޅުވީ އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ އޭނާ އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަންތައްތަކެވެ. ކުރިއަށް އޮތް ތަނުގައި އޭދަފުށީ ދާއިރާގެ ގޮނޑި ހޯދުމަށް ދުރާލާ ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ މިފަހަރުގެ އިންތިޚާބު ގައި ކުރިމަތިލާ މީހުންގެ ނަންތައް އިޢުލާން ކޮށްފައިނުވާތީ ކުރިމަތިލާ އެންމެން އަދި ނޭނގޭ ކަމާއި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވަން އަދި ނުނިންމަވާ ކަމަށެވެ.
