
މިދިޔަ މަހު ފަހުކޮޅު ވަޒީފާއިން ސަސްޕެންޑު ކުރި ފެނަކަ ކޯޕަރޭޝަން އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު، އަހުމަދު އަންވަރުގެ ސަސްޕެންޝަން ދެ ހަފްތާއެއްހާ ދުވަސް ފަހުން އުވައިލުމުން ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.
އަންވަރު މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މަގާމުން ސަސްޕެންޑްކުރީ ފެނަކައިގެ އެކި ބްރާންޗްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މަސައްކަތަށް އިހުމާލުވެ ކުންފުންޏަށާއި ހިދުމަތަށް ބުރޫއަރާގޮތަށް އަމަލު ކޮށްފައިވާތީ ކަމަށްބުނެ އެ މައްސަލަތައް ބަލަމުންދާތީ އެވެ.
އަންވަރު މިދިޔަ ހަފްތާއިން ފެށިގެން ވަޒީފާއަށް ނުކުންނެވި ނަމަވެސް އޭދަފުށީ އިންޖީނުގޭގެ ހިންގުން ހަވާލުކޮށްފައިވަނީ ބ. ރީޖަނަލް އޮފީހުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އާތިފް އާ އެވެ.
1996 ވަނަ އަހަރުން ފެށިގެން އޭދަފުށި އިންޖީނުގޭގެ މެނޭޖަރެއްގެ މަގާމުގައި ހުންނެވި އަންވަރު ވަނީ 2009 ވަނަ އަހަރު އިންޖީނުގޭގެ ވަޒީފާއިން ވަކި ކޮށްފައެވެ. ނަމަވެސް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ، 2012 ވަނައަހަރުގެ ތެރޭގައި އޭނާއަށް އަލުން ވަޒީފާ ދެއްވި އެވެ.
އެއަށްފަހު 2017ވަނަ އަހަރުވެސް ގދ.ކޮނޑޭ އިންޖީނުގެއަށް އަންވަރު ބަދަލުކުރި އެވެ. ނަމަވެސް އެވަޒީފާ އާ ހަވާލުވުމަށް އެރަށަށް ދިއުމުގެ ކުރިން ވަޒީފާ އަނބުރާ ރުޖޫއަ ކުރިއެވެ.
