
ބ. އޭދަފުއްޓަށް މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން ބަދަލުކުރިތާ 50 އަހަރުފުރޭ ރަން ޔޫބީލް ކުޅިވަރު އީދު ފަށާނީ ހަވާ އެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ވަފާ ޖަމިއްޔާއިން ބުނެފި އެވެ.
ރަންޔޫބީލް ކުޅިވަރު އީދުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު އަންވަރު ވިދާޅުވީ ހަފްތާއަކަށް ދެމިގެންދާ ރަންޔޫބީލް ހަރަކާތްތައް ފެށިގެންދާނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ހަވާ އެރުވުމުގެ ކުޅިވަރުތަކާ އެކު މިކަމަށްޓަކައި ތައްޔާރުކުރާ ޚާއްސަ މޮނިއުމެންޓް އިފްތިތާހު ކުރުމާ އެކުގަ އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ރަންޔޫބީލް ހަރަކާތްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ހުޅަނގު ދެކުނު ހުސްބިމުގަ އެވެ. އެގޮތުން މި ކުޅިވަރުތައް ބޭއްވުމަށް އެ ސަރަހައްދުގައި ބޮޑު މައިދާނެއް ތައްޔާރުކުރުމުގެ މަސައްކަތް އެންމެން ގުޅިގެން ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މި ހަރަކާތްތަކަށް ވަރަށް ފޯރީގައި ހާއްސަ މައިޒާނެއް ތައްޔާރުކުރަމުން ދަނީ، ހަރަކާތްތައް ފެށޭނީ މާޗު 8 ވަނަ ދުވަހުގެރޭ ހަވާއެރުމުގެ ކުޅިވަރުތަކާއެކު، ހަމަ އެރޭ ހާއްސަ ކޭކެއް ފެޅުމާއެކު، މި މުނާސަބަތާ ގުޅިގެން 50 އަހަރުވީ މީހުންގެ އުފަންދުވަސް ފާހަގަކުރުން ވެސް އޮންނާނެ،”

މި ކުޅިވަރު އީދު ކުލަގަދަ ކުރުމުގެ ގޮތުން ވަރަށް އާދަޔާ ހިލާފު ކަންކަން ފެނިގެންދާނެ ކަމަށް ވެސް ވަފާ ޖަމިއްޔާއިން ބުންޏެވެ.
“ކޮންމެ ރެއަކުވެސް މުނިފޫހިފިލުވުމުގެ ޝޯ އޮންނާނެ. އެ ޝޯގައި ރަށުގެ ދުވަސްވީ މީހުންގެ ހަރަކާތްތަކާއި މޯލްޑިވިއަން އައިޑޮލް ފަންނާނުންނާއި މަޝްހޫރު މިއުޒިކް ބޭންޑްތައް ވެސް ފެނިގެންދާނެ،” އަންވަރު ވިދާޅުވި އެވެ.
މީގެ އިތުރުން ކުޑަކުދިންނާއި އިސްރައްވެހިން އަދި ޒުވާނުންނަށް ހާއްސަ އާއިލީ ހަވީރެއްގެ އިތުރުން މުނާސަބަތާ ގުޅޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަންވަރު ވިދާޅުވި ގޮތުގައި ހަފްތާއަކަށް ދިގުދެމިގެންދާ މި ކުޅިވަރު އީދު ނިންމާލުން އޮންނާނީ އާދަޔާ ޚިލާފު ސަގާފީ ޖާގަފަތަކުންނެވެ. މި ޖާފަތަށް އޭދަފުށީގެ ހުރިހާ ރައްޔިތުންނަށާއި މިއަތޮޅު ރަށްރަށުގެ ކައުންސިލުތަކުގެ ކަމުވޮށިގެންވާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ހަރަކާތުގެ ތެރެއިން އޭދަފުށީ ރައްޔިތުންގެ މެދުގައި މި އުފެދިގެންދަނީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. މިކަހަލަ އިޖުތިމާއި ހަރަކާތްތަކުގެ ތެރެއިން އެކުވެރިކަން އާލާވެގެން މިދަނީ،
މިހަރަކާތުގައި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވޭ، އެއްވެސް ހިޔާލު ތަފާތުވުމެއްނެތި ވަރަށް އެކުވެރިކަމާއެކު،”
ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968 ވަނަ އަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރު 1968 ގަ އެވެ.
