
ބ. އޭދަފުށީ ކައުންސިލު އިދާރާގައި ޒިންމާދާރު ވެރިއަކު ނެތުމުން އެ ކައުންސިލުގެ އިދާރީ ކަންކަމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި މިރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ނިއުމާ އަހްމަދު ޒިންމާތަކުން ދުރުކުރުމަށްފަހު، ވަގުތީ ޒިންމާދާރުވެރިޔާގެ ގޮތުގައި ހަމަޖެއްސި އެ އޮފީހުގެ ފައިނޭންސް އޮފިސަރު އިބްރާހީމް ޝިފާއު އެ މަގާމާ ހަވާލު ނުވުމުންނެވެ.
އޭދަފުށީ ކައުންސިލުން ބުނީ އެ ކައުންސިލުގައި ޒިންމާދާރުވެރިއަކު ނެތުމުން އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން އެކަން އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
ނިއުމާ މަގާމުގެ މަސްއޫލިއްޔަތްތަކުން ވަކިކުރީ ޗުއްޓީއަށްފަހު މިދިޔަ މަހު ފަހުކޮޅު އޮފީހަށް ނުކުންނެވުމާއެކުގަ އެވެ.
އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާވަނީ ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ދިހަ އަހަރު ހިދުމަތްކޮށްފަ އެވެ.
