ދަރަވަންދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީތައް އެ ރަށަށް ގެނެސްފި

ބ. ދަރަވަންދޫ އެއާޕޯޓްގެ އޭރިއަލް ވިއު ދައްކައިދޭ ކުރެހުމެއް: ރީނދޫ ކުލައިގައި ފަޅުން ހިއްކާ ބައި އަދި ފެހި ކުލައިގައި ރަށުގެ ބިމުން ބޭނުން ކުރާ ބައި.– ފައިލް ފޮޓޯ

ބ. ދަރަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ރީޖަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީތައް އެ ރަށަށް ގެނެސް ނިމިއްޖެ ކަމަށް ދަރަވަންދޫ އޮފީހުން ބުނެފި އެވެ. މިދިޔަ އަހަރު މެދު ތެރޭގައި ބިން ހަވާލުކޮށް މަސައްކަތް ފަށާފައިވާ އެއާޕޯޓް ސަރަހައްދުގެ މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީތައް އެ ރަށަށް ގެނެސްފައި ވަނީ މި ހަފްތާ ތެރޭގައި ކަމަށް ރަށު އޮފީހުން ބުންޏެވެ.

ދަރަވަންދޫ އޮފީހުގެ އޮފިޝަލް މުހައްމަދު ފަތުހީ ކޮންޓްރެކްޓަރާ ހަވާލާދެއްވައި އިއްޔެ ވިދާޅުވީ މަސައްކަތުގެ ތާވަލަށް ވުރެ އެއާޕޯޓްގެ މަސައްކަތް ލަސްވި ނަމަވެސް އަންނަ މަހުގެ ތެރޭގައި ރަންވޭގެ މަސައްކަތް ވެސް ފެށޭވަރު ވާނޭ ކަމަށެވެ.

“ކުރިން މި މަސައްކަތް ފަށަން ބުނި މުއްދަތަށް ވުރެ 2 މަސް ލަސް ވެއްޖެ. ޓްރާންސްޕޯޓްގެ ދަތިތަކާ ހުރެ ލަސް ވިޔަސް މިހާރު ބެލެވޭ ގޮތުން ދެން ލޭބަރުން އައިހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ. އެ ކަމަށް 3 ހަފްތާ ވަރު ނަގާނެ ކަމަށް ބެލެވެނީ. އެހެންވީމާ އަންނަ މަހު ރަންވޭގެ މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ،” ކުރިން ދަރަވަންދޫ ކަތީބު ކަމުގައި ހުންނެވި ފަތުހީ ވިދާޅުވި އެވެ.

ދަރަވަންދޫގައި ސަރަހައްދީ އެއާޕޯޓެއް އެޅުމަށާއި މި އަތޮޅު މުއްދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން 2007ގެ ޑިސެމްބަރ މަހު ހަވާލު ކޮށްފައި ވަނީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ދަރަވަންދޫގެ ބިމުން 8 ހެކްޓަރު އަދި ފަޅުގެ ބައެއް ހިއްކައިގެން ހަދަން ހަވާލުކޮށްފައިވާ މި އެއާޕޯޓްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމަން ޖެހޭ ކަމަށް ދަރަވަންދޫ އޮފީހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.