
ކައިޓްބޯޑްގެ ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ ސްލިންގްޝޮޓްގެ ރާއްޖޭގެ އެމްބެސެޑަރަކަށް ބ. ގޮއިދޫގެ ޒުވާން ހުނަރުވެރި ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) ހަމަޖައްސައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ސްލިންގްޝޮޓުން ސޮއި ކޮށްފައިވަނީ ސްލިންގްޝޮޓް މޯލްޑިވްސްގެ އޯނަރު އާސިމް މުހައްމަދު (ސިމްބެ) އެވެ. އެ ރަސްމިއްޔާތުގައި ކައިޓް ސާފިންގެ ސާމާނު ހަންޓޭއާ ހާލު ކުރި އެވެ. އެ ތަކެތި އޭނާއާ ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ.
ސިމްބެ މިއަދު ވިދާޅުވީ، މިއީ ރާއްޖޭގައި ކައިޓް އެތުލީޓަކު ސްޕޮންސާ ކުރާ ފުރަތަމަ ފަހަރު ކަމަށާއި މި އެއްބަސްވުމުގެ ދަށުން ހަންޓޭ އަށް ބޭނުންވާ ސާމާނާއެކު ޓްރެއިނިންވެސް ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަންޓޭއަށް އަހަރަކު އެއް ފަހަރު ދުނިޔޭގެ މަޝްހޫރު ކައިޓް ސާފާއަކާއެކު ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދާނެ އެވެ. އަދި ރާއްޖެއިން ބޭރުން ޓްރެއިނަރުން ގެނެސްގެންވެސް ހަންޓޭއަށް ޓްރެއިނިން ދޭނެ ކަމަށެވެ.
އުމުރުން 16 އަހަރުގެ ހަންޓޭ ބުނީ ދުނިޔޭގެ ބޮޑު ކުންފުންޏަކުން އޭނާ އަށް މިފަދަ އެހީތެރިކަމެއް ދިނުމުން ވަރަށް އުފާވެއްޖެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވި އެއް ދުވަސް ކަމަށް ވެސް ހަންޓޭ ބުންޏެވެ.
ހަންޓޭ ބުނީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން ތަމްރީން ކުރުމަށް އޭނާ އެހީވާނެ ކަމަށެވެ.
ހަންޓޭ ވަނީ 2017 ވަނަ އަހަރު ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއާ”ގައި އޭނާގެ ހުނަރުދައްކާލައި ގިނަ ބަޔަކު އަންތަރީސް ކޮށްލައިފަ އެވެ. މިހާރު އޭނާއަކީ ކައިޓް ސާފިންގެ ރާއްޖޭގެ ކުރިމަގުކަން އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ.
