
މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބުން އެޓީމުގެ ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި އެވެ.
މުބާރާތް ކުރިއަށްދާ މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ވާދަކުރި މެޗުން އޭދަފުށި މޮޅުވީ 6-0 އިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށި ވަނީ 3-0 އިން ވިކްޓްރީ ބަލިކޮށްފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ދިހަ މިނެޓުގައި އޭދަފުށިން ވަނީ ދެގޯލުގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ގޯލު މެޗު ފެށިގެން ދެ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކުރިން ގައުމީ ޓީމުގެ ދިފާއުގައި މޮޅު ކުޅުމެއްދެއްކި އޭދަފުއްޓަން މުހައްމަދު ޖަމީލް (ޖަމްބެ) އެވެ.
އޭދަފުށީގެ ދެ ވަނަ ގޯލު އޭގެ ތިން މިނެޓުފަހުން ކާމިޔާބުކޮށްދިނީ އިސްމާއީލް މުހައްމަދު (އިއްސެ) އެވެ. އެޓީމުގެ ތިން ވަނަ ގޯލު 16 ވަނަ މިނެޓުގައި އާފިއު މުހައްމަދު ހާމިދު ކާމިޔާބުކޮށްދިން އިރު އަނެއް ތިން ގޯލު ކާމިޔާބު ކުރީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނެޓުގައި އޭދަފުށީ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމް އެވެ.
މެޗުގެ 40 ވަނަ މިނެޓުގައި އީގަލްސް ޓީމުގެ އަހުމަދު ޒިޔާމް އަށް ރަތް ކާޑެއް ދެއްކުމުން ބާކީ ބައި އެޓީމުން ފުރިހަމަ ކުރީ ދިހަ ކުޅުންތެރިންނާއެކު އެވެ. އޭދަފުށީގެ ފަހު ދެގޯލު ޖެހީ މެޗުގެ ފަހު މިނެޓާއި އިތުރު ވަގުތުގައެވެ. ފަސް ވަނަ ގޯލު އިއްސެ ޖެހިއިރު ފަހު ގޯލު ޖެހީ އިސްމާއީލް މުހައްމަދު އެވެ. މި މުބާރާތުގެ ކޮންމެ މެޗެއްގައިވެސް ހާފެއްގައި ކުޅެނީ 30 މިނެޓެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުރިން އެއް ވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓާއި ވިކްޓްރީގައިވެސް މޮޅު ކުޅުމެއް ދެއްކި އޭދަފުއްޓަށް އުފަން އާފިއު އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އޭދަފުށީ ޓީމުގެ އަބްދުﷲ އިބްރާހީމް (ހުރާ އަބުޅޯ) އަށެވެ.
މިއަދުގެ މެޗަކީ އީގަލްސް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ހަތް ޓީމު ވާދަކުރާ މުބާރާތުގައި އޭދަފުށި ދެމެޗުންވެސް މޮޅުވުން އެޓީމަށް ވަނީ ހަ ޕޮއިންޓާއެކު ތާވަލުގެ އެއް ވަނަ ލިބިފައެވެ. ފައިނަލުގެ ފުރަތަމަ ޖާގަ، ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލިބޭއިރު އަނެއް ޖާގަ ލިބޭނީ ދެ ވަނަ އަދި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ވިކްޓްރީ އެވެ. ވިކްޓްރީ ފުރަތަމަ މެޗުގައި އޭދަފުށި އަތުން ބަލިވިއިރު ގްރީން ސްޓްރީޓްސް ވަނީ ފުރަތަމަ މެޗުގައި 5-0 ގެ ނަތީޖާއަކުން ޕޮލިސް ކްލަބް ބަލިކޮށްފައެވެ. މާދަމާގެ މެޗުވެސް ފަށާނީ ހަވީރު 4:30 ގައެވެ.
