ސޫރަތުލް ކަހްފި

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. (جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ . قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ .قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ) މާނައަކީ: “ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް މީހަކު އައިސްދެންނެވިއެވެ. “ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށް ހިތަން ޖެހެނީ ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ މަންމަ އަށެވެ”. އޭނާ ދެންނެވިއެވެ. “ދެން ކާކަށްތޯއެވެ”؟ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ ބައްޕަ އަށެވެ”.

މަންމަ އަށް ބޭނުންވާނެ ޚަރަދުތަށް ބަލަހައްޓައި ދިނުމަކީ ދަރިފުޅުގެ މައްޗަށް ލާޒިމް ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، މުސްކުޅި ޢުމުރަށް ދިޔުމުން މަންމަމެން ދޫކޮށް، ދަރިފުޅު އެހެންގެއަކަށް ބަދަލުވުން، ނުވަތަ މުސްކުޅިން ބަލަހައްޓާ މަރްކަޒަކަށް މަންމަމެން ގެންގޮސް ބެހެއްޓުން، ނުވަތަ އަމިއްލަ މަސައްކަތުން އެމުސްކުޅި މަންމަ އާއި ބައްޕަ ކައިބޮއި ހެދުމަކީ އިސްލާމްދީން ގަބޫލު ކުރާ ކަންތަކެއް ނޫނެވެ.

އަންބެއްގެ ޙައިޘިއްޔަތުން ވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. އަނބިންނަށް ހެޔޮކޮށް ހިތުމަށް ފިރިންގެ މައްޗަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. އަދި ރިވެތިވެގެންވާ ހެޔޮ ދިރިއުޅުމެއް އުޅުމަށް އަމުރުކުރެއްވިއެވެ. އަދި ފިރިންގެ މައްޗަށްވާ އަނބިންގެ ޙައްގުތަކެއް ލެއްވިއެވެ. މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮމީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާ ކަމުގައި ލެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލައި އެކަނބަލުންގެ މުދަލުން ބޭނުން ނުކުރުމަށް އެންގެވިއެވެ. ނިސާ ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ) މާނައަކީ: ” އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”. ބަގަރާ ސޫރަތުގެ 228 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ  ) މާނައަކީ: ” އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ”.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘް ކުރައްވާފައިވެއެވެ. (اسْتَوْصُوا بِالنِّسَاءِ خَيْرًا) މާނައަކީ: “ތިޔަބައިމީހުންގެ އަނބިންނާއި މެދުގައި ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވަމެވެ”، އަދިވެސް ޙަދީޘް ކުރެއްވިއެވެ. (خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي) މާނައަކީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ”.

އަންހެން ކުއްޖެއްގެ ގޮތުގައި އޭނާ މާތް ކުރެއްވިއެވެ. އަންހެންކުދިން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމަށް ބާރުއަޅުއްވާ، އެކަމުގައި ބޮޑުވެގެންވާ ދަރުމަ ލެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.(مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ ) މާނައަކީ: “ދެއަންހެންކުދިން ބާލިޣުވުމަށް ދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ”.

ޢުގްބާ ބިން ޢާމިރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. (مَنْ كَانَ لَهُ ثَلاثُ بَنَاتٍ ، فَصَبَرَ عَلَيْهِنَّ ، وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ كُنَّ لَهُ حِجَابًا مِنْ النَّارِ يَوْمَ الْقِيَامَةِ ) މާނައަކީ: “ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ”.

ބޮޑުދައިތަ އެއްގެ ގޮތުން އަދި އުޚްތެއްގެ ގޮތުންވެސް އިސްލާމްދީންވަނީ އަންހެނުން މާތް ކުރައްވާފައެވެ. ރަޙިމްގެ ގުޅުން ބޭއްވުމަށް އަމުރުކުރައްވާ ބާރު އެޅުއްވިއެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާ ނުލުމަށާއި، އެކަމުގެ ހުރި ނުބައިކަން އުއްމަތަށް ބަޔާންކޮށްދެއްވާ އިންޛާރު ދެއްވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (يَا أَيُّهَا النَّاسُ ، أَفْشُوا السَّلامَ ، وَأَطْعِمُوا الطَّعَامَ ، وَصِلُوا الأَرْحَامَ ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ، تَدْخُلُوا الْجَنَّةَ بِسَلامٍ) މާނައަކީ: “އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް ސަލާމްގޮވާ އުޅޭށެވެ. އެކަކު އަނެކަކަށް ކާންދީ ހަދާށެވެ. މީސްތަކުން ނިދާފައި ތިއްބާ ރޭގަނޑު ނަމާދު ކުރާށެވެ. އޭރުން ސަލާމަތްތެރިކަމާއި އެކު ސުވަރުގެ އަށް ވަދެވޭނެއެވެ”.

ގުދްސިއްޔަ ޙަދީޘެއްގައި ރަޙިމް އާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (مَنْ وَصَلَكِ وَصَلْتُهُ ، وَمَنْ قَطَعَكِ قَطَعْتُهُ) މާނައަކީ: “ރަޙިމްގެ ގުޅުން ދަމަހައްޓައިފި މީހަކަށް ތިމަން ﷲ ގުޅުން ދަމަހައްޓަވާނަމެވެ. އަދި ރަޙިމްގެ ގުޅުން ކަނޑާލައިފި މީހަކާ ތިމަން ﷲ ގުޅުން ކަނޑުއްވާ ހުށީމެވެ”.

އަންހެނެއްގެ ކިބައިގައި މިހުރިހާ ޞިފަތަކެއް އެއްވުމަކީ ގާތް ކަމެކެވެ. އޭނާ އަކީ އަންހެން ކުއްޖެކެވެ. ދައްތަ އެކެވެ. މަންމައެކެވެ. ބޮޑުދައިތަ އެކެވެ. މިހުރިހާ ޙައްޘިއްޔަތެއް އެއްވުމުން އަންހެނާ އަށް ކޮންފަދަ ބޮޑު ދަރަޖައެއްތޯއެވެ؟!

އެހެންކަމުން، އިސްލާމްދީނުގައި ވަނީ އަންހެނާގެ މަގާމާއި ދަރަޖަ އުފުއްލަވާފައެވެ. އަދި އަންހެނުންނާއި ފިރިހެނުން ގިނަ ކަންތައްތަކެއްގައި ހަމަހަމަ ކުރެއްވިއެވެ. ފިރިހެނުންނާއި އެއްގޮތަށް އަންހެނުންވެސް ﷲ އަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރަންޖެހެއެވެ. އަދި އާޚިރަތުގެ ޖަޒާ ހަމަހަމަ ކުރެއްވިއެވެ. ބަސްބުނުމުގެ ޙައްގު އެކަނބަލުންނަށް ދެއްވިއެވެ. ﷲ ގެ މަގަށް ގޮވާލާ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުމަށް އެންގެވިއެވެ. ވިޔަފާރި ކުރުމުގެ ޙައްގު ދެއްވިއެވެ. ވާރުތަ މުދާ ލިބުމުގެ ޙައްގު ދެއްވިއެވެ. އެކަނބަލުންގެ ރުހުމަކާ ނުލާ އެއްވެސް މީހަކަށް އެކަނބަލުންގެ މުދާ އަތުލައި ނުގަނެވޭނެކަން އެންގެވިއެވެ. ޢިލްމު އުނގެނުމުގެ ޙައްގު ދެއްވިއެވެ. އަދި ދުނިޔަވީ ރިވެތި އުޅުމެއް ވޭތު ކުރުމުގެ ޙައްގު ދެއްވިއެވެ. އެއްވެސް ގޮތަކުން އެކަނބަލުންނަށް އަނިޔާވެރިވުން މަނާ ކުރެއްވިއެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ކަންތައް ހުރި ގޮތާއި އިސްލާމްދީނުގައި އަންހެނުންގެ ޙައްގުތައް ދެއްވާފައި ހުރި ގޮތް އަޅާ ކިޔައިފިމީހަކަށް މިކަންތައްތަކުގެ ޙަގީގަތް ފެނިގެންދާނެއެވެ. އަދި އިސްލާމްދީނުގައި އަންހެނުން މާތް ކުރެއްވި ވަރަށް އެހެންއެއްވެސް ދީނެއްގައި އަދި ޝަރީޢަތެއްގައި ވެސް އެކަނބަލުން މާތް ކުރައްވާފައެއް ނުވެއެވެ.

ޔޫރަޕްގެ މީހުން އަންހެނުންނާއި މެދުގައި ދެކެމުން އައި ގޮތާއި މެދުގައި ވިސްނާލަމާތޯއެވެ. 585މ. ގައި ފަރަންސޭސިން އަންހެނުންގެ ކަންތައްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބޭއްވިއެވެ. އެއަންހެނާގެ ރޫޙެއް ވޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ރޫޙެއްވީނަމަވެސް، އެއީ އިންސާނެއްގެ ރޫޙުތޯ ނުވަތަ ޙައިވާނެއްގެ ރޫޙުތޯ ބެލުމަށެވެ. އެންމެ ފަހުން އެބައްދަލުވުމުގައި އެބައިމީހުން ނިންމީ އަންހެނުންނަކީ ފިރިހެނުންނަށް ޚިދުމަތް ކުރުމަށްޓަކައި ހައްދަވާފައިވާ ބައެއް ކަމަށެވެ.

ހެންރީ 8 ގެ ދުވަސްވަރުގައި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައިވަނީ އެބައިމީހުންގެ މުގައްދަސް ފޮތް ކަމުގައިވާ “އިންޖީލު” ކިޔެވުމަކީ އަންހެނުންގެ މައްޗަށް މަނާވެގެންވާ ކަމެއްގެ ގޮތުގައެވެ. ސަބަބަކީ އެކަނބަލުންނަކީ ނަޖިސް ބަޔަކަށްވާތީވެއެވެ.

1805 ވަނަ އަހަރާ ހަމަ އަށް އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން ފިރިމީހާ އަށް އޭނާގެ އަންހެނުން ވިއްކާލުމުގެ ޙައްގު ލިބިގެންވެއެވެ. އަދި އެބައިމީހުން އަންހެނާގެ އަގެއް ކަމުގައި ކަނޑައަޅާފައިވަނީ  އެންމެ 6 ޕައުންޑެވެ.
މިފަހުގެ ޒަމާންތަކުގައިވެސް ޔޫރަޕް މީހުން އަންހެން ކުދިންނާއި މެދުގައި ދެކެމުން އައި ގޮތަކީ ޢުމުރުން 18 އަހަރު ފުރުމުން ޢާމްދަނީ ހޯދުމަށް ގެއިން ނިކުތުން މަޖްބޫރު ކުރުވުމެވެ. ނުނިކުމެ ގޭގައި ތިބެއްޖެނަމަ، ކޮޓަރީގެ ކުއްޔާއި ކެއިންބުއިމުގެ ޚަރަދު މައިންބަފައިންނަށް ދޭންޖެހެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޝަރަފާއި މާތް ކަން އެހެން ބަޔަކަށް ދެވޭނީ ކިހިނަކުންތޯއެވެ؟!

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤު

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެން ކަނބަލުންނާ ބެހޭގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ. الدُّنْيَا مَتَاعٌ ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ (رواه مسلم) މާނައީ: “ދުނިޔެއަކީ ފައިދާއެކެވެ. ދުނިޔޭގައިވާ ހެޔޮ ފައިދާއަކީ ޞާލިޙު އަންބެކެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَلاَ أُخْبِرُكَ بِخَيرِ مَا يَكْنُزُ المَرْءُ المَرْأةَ الصَّالِحَةَ الَّتِي إذَا نَظَرَ إلَيْهَا سَرَّتْهُ ، وَإذَا أمَرَهَا أطَاعَتْه ، وَإذَا غَابَ عَنْهَا حَفِظَتْهُ – (رواه أبو داود والحاكم وقال: حديث صحيح الإسناد) މާނައީ: “ފިރިހެނަކު ކަންޒުކުރާނެ ހެވަކީ ކޮބައިކަން ތިމަންކަލޭގެފާނު އަންގައެއް ނުދެމުހެއްޔެވެ؟ އެއީ ޞާލިޙު އަންބެކެވެ. އޭނާ އެއަންހެނާއަށް ބަލައިފިނަމަ ހިތްހަމަޖެހުން ލިބެއެވެ. ކަމަކަށް އަމުރުކޮށްފިނަމަ އެކަމަށް އިޖާބަ ދެއެވެ. އަދި އޭނާގެ ފިރިމީހާ ނެތް ހާލަތުގައި އޭނާއަށްޓަކައި ރައްކާތެރިވެއެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (حُبِّبَ إِلَيَّ مِنْ الدُّنْيَا النِّسَاءُ وَالطِّيبُ وَجُعِلَ قُرَّةُ عَيْنِي فِي الصَّلَاةِ (رواه النسائي) މާނައީ: “ތިމަން ކަލޭގެފާނަށް މިދުނިޔެއިން އެންމެ ލޮބުވެތި އެއްޗަކީ އަންހެނުންނާއި ހުވަނދެވެ. އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަމަކީ ނަމާދެވެ.”

އިސްލާމްދީނުގައި އަންހެނުން ޢިލްމު އުނގެނުމުގެ މުހިއްމުކަން

ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ވަޙީބާވާލެއްވިފައިވަނީ އުނގެނުމާ ބެހޭގޮތުންނެވެ. އެއީ އަލްޢަލަޤް ސޫރަތުގެ ފުރަތަމަ އާޔަތެވެ.”اقْرَأْ “ކިޔަވާ ވިދާޅުވާށެވެ. މި ޚިޠާބުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަކި ޖިންސެއް ޚާއްޞަވެފައެއް ނުވެއެވެ.

އިސްލާމްދީންވަނީ އަންހެނާއަށްވެސް ޢިލްމު އުނގެނުން ފަރްޟުކުރައްވާފައެވެ. މިފަރްޟުގެ ތެރޭގައި އީމާންކަމުގެ ރުކުންތަކާއި ތައުޙީދު މަޢުރިފާކޮށް ދެނެގަތުމާއި ބިދުޢަތަކާއި ޚުރާފާތްތައް ވަކިކޮށް ދެނެގަތުމާއި ޝަރުޢީ ފަރްޟުތަކާއި ދީނީ ވާޖިބުތައް އަދާކުރާނޭގޮތް ދަސްކުރުން ހިމެނެއެވެ. އަދި ފިރިމީހާއާއި ދަރީންގެ ކަންތައްތަކާއި ޢާއިލާގެ ކަންތައްތައް ދީނީ ގިއުގަނޑުގެތޭގައި ކުރާނޭގޮތާއި އަނބިމީހާ އޭނާގެ ހިތް ޙަސަދަވެރިކަމާއި ޣީބަބުނުމާއި ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބަލިތަކާއި އާފާތްތަކުން ސަލާމަތްކުރާނޭ ގޮތާއި، އޭނާގެ ނަފްސު އިޞްލާޙްކުރާނޭގޮތާއި، އިންސާނުންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން އޭނާ ރައްކާތެރިވާނޭ ގޮތާއި އަދި ހަމަ އެހެންމެ ޒީނަތްތެރިވުމުގެ ޙުކުމްތަކާއި ޢައުރަ ނިވާކުރުމުގެ ޙުކުމްތަކާއި ޝަރުޢީ ޙިޖާބުގެ ޝަރުޠުތަކާއި ބެލުމާއި މަސްހުނިވުމާއި އެކަހެރިވުމުގެ ޙުކުމްތައް އޭނާ ދަސްކުރަންޖެހެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ  :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ :  يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. )صحيح البخاري(

އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނެއް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ” “ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް” “ދެކުދިންވެސް” “ދެކުދިންވެސް” (މެއެވެ)

މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.

އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެތައްބައިވަރު އަންހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވެއެވެ. ޙަދީޘް ޢިލްމުވެރިންނާއި ފިޤްހު ޢިލްމުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބުއުސް ބޭކަނބަލުންނާއި، އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގެ ފަޚްރުވެރި އަންހެން ސާހިބާއިންނެވެ.

ޢިލްމު އުނގެނުމުގެ އިތުރުން އީމާންކަމުގައިވެސް އަންހެނުންވަނީ ކުރި ހޯއްދަވާފައެވެ. އެގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަދެއްވީ އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. އިޖާބަދެއްވުމުން ހަމައެކަނި ފުއްދަވާލެއްވީކީ ނޫނެވެ. އިސްލާމްދީނުގެ ދަޢުވަތައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތެދުވެވަޑައިގަތުމުން އެކަލޭގެފާނަށް ވާގިވެރިވެވަޑައިގަތުމާއި ހިތްވަރުދެއްވުމުގައި އެކަމަނާ ޘާބިތުކަމާއެކު ދެމިހުންނެވިއެވެ.

އިސްލާމްދީނުގެ އަސާސުތައް އަނބިމީހާއަށް ދަސްކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ. އެވާޖިބު އަދާ ނުކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ. އަދި ވާޖިބު އަދާކުރުމުގައި ނާކާމިޔާބު ވެއްޖެނަމަ އޭނާގެ ދަރިފަސްކޮޅު އޭނާ އެވައްޓާލަނީ ޖާހިލުކަމުގެ އަނދިރި ވަޅުގަނޑަށެވެ.

އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގެ އެންމެ އިސްބަޔަކީ މައިންކަމުގައިވީއިރު، ދަރިންނަށް ތަޢުލީމު ދެވޭނީ ފުރަތަމަ މަންމަ ތަޢުލީމު ޙާޞިލްކޮށްގެންނެވެ. އެކަންވާރެއްގައި ހުރި އެއްޗެއް ނޫނީ އެކަންވާރަކުން ނުނުކުންނާނެއެވެ. އެހެންކަމުން އުޚްތުން ދީނީ ޢިލްމާއި ރިވެތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމައެވެ. އަދި ކުއްޖާގެ ދީން ޙިމާޔަތްވުމާއި ނުވުން ބިނާވެގެންވަނީ ކުއްޖާގެ މަންމަގެ ކިބައިގައި ހުރި ދީނީ ޢިލްމެއްގެ މައްޗަށެވެ.

އިސްލާމީ އުންމަތުގައި އުފެދުނު ބޮޑެތި މުޙައްދިޘުންނާއި ޢިލްމުވެރިން އުފެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރައްވާފައިވަނީ އެބޭކަލުންގެ ހިތްވަރުގަދަ މައިންނެވެ. އޭގެތެރެއިން ގިނަ ޢިލްމުވެރިންތަކެއް ބޮޑުފުޅުވެވަޑައިގެންފައިވަނީ ޔަތީމު ޙާލުކޮޅުގައި ނުހަނު ފަޤީރުކަމާއި ދެރަނިކަމެތިކަން މަތީގައެވެ. އިމާމް އަޙްމަދު ބިން ޙަންބަލް އަކީ މި އުއްމަތުގެ ބޮޑު އިމާމެކެވެ. އެކަލޭގެފާނަށް ތަޢުލީމު ދެއްވުމަށްޓަކައި އެކަލޭގެފާނުގެ މަންމަ ވީ މަތިވެރި ޤުރުބާނީގެ ވާހަކަ އެކަލޭގެފާނުގެ ސިޔަރަތު ކިޔުއްވި ކޮންމެ ބޭކަލަކަށްވެސް ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ. ފިނި ރޭތަކުގައި ބަޣްދާދުގައި މަގުތަކުގެ މަތީގައި އެތައް ދުރުމިނެއް ކަޑައްތުކުރައްވާ ފަތިސް ނަމާދަށް އެކަލޭގެފާނު ގޮވައިގެން ވަޑައިގަތުމާއި ޢިލްމީ ޙަލަޤާތައް ނިމެންދެން މަޑުކުރެއްވުމާއި، އެފަދަ އެތައްކަމަކުންނެވެ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަކީ މިފަދަ މަތިވެރިކަމެއް މިބޭކަނބަލުން ޢިލްމަށް މިދެއްވެވީ މި ޢިލްމުގެ އަގު އެބޭކަނބަލުންނަށް ވަޒަންކުރެއްވޭލެއް ބޮޑުކަމުންކަމެވެ.

ޢިލްމު އުނގެނުމަކީ އޭގެ ފައިދާ ދުނިޔޭގެ އިތުރުން އާޚިރަތުގައިވެސް ތިބާއަށް ކުރާނެކަމެކެވެ. އެހެނީ މަރުވުމަށްފަހު އިންސާނާގެ ޢަމަލުތައް ތިން ކަމަކުންނޫނީ ކެނޑިގެންދާނޭކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ތިމާ ދޫކޮށްފައިދާ ފައިދާކުރުވަނިވި ޢިލްމެވެ. އެހެންކަމުން ހެޔޮކަމުގެ ސިލްސިލާ ދާއިމީގޮތެއްގައި ޤިޔާމަތާޖެހެންދެން ދެމެހެއްޓުމަށްޓަކައި ދީނީ ޢިލްމު އުނގެނީ އެ ޢިލްމު ތިބާގެ ދަރީންނަށާއި ޢާއިލާގެ މީހުންނަށް ފޯރުކޮށްދޭށެވެ.

ދުނިޔެއާއި އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާ ވާހަކަފޮތްތަކާއި، ވަގުތު ބޭކާރުކުރާ މަޖައްލާތަކާއި، ތިބާއަށް ދީނީ އަދި ދުނިޔަވީ ފައިދާއެއްވެސް ހޯދާނުދެވޭ މިފަދަ އެއްޗިހި ކިޔުމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ބޭކާރު ކުރުމާމެދު ސަމާލުވާން އެބަޖެހެއެވެ. އެންމެ ފައިދާބޮޑު ޢިލްމަކީ ދީނީ ޢިލްމެވެ.

އުންމުއް ދަރްދާއު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކުން އަޅުކަމުގެ ރަހަ ލިބުނެވެ. އަދި ޢިލްމުވެރިންގެ ބައްދަލުވުންތަކާއި އެބައިމީހުންގެ ހަނދާންކޮށްދިނުންތަކުން ލިބުނުވަރުގެ ހިތްހަމަޖެހުމެއް އެހެން ކަމަކުން ނުލިބެއެވެ.”

އުއްމުއް ދަރުދާއު ރަޟިޔަﷲ ޢަންހާ އަކީ މާތް ޞަޙާބީ އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދަސްކުރެއްވި ބޭކަނބަލެކެވެ. އިމާމު ބުޚާރީ އައްޞަޙީޙުގައި އެކަމަނާގެ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އިބްނު ޢަބްދިލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި އެކަމާނާއަކީ ޙަދީޘް ޢިލްމުވެރިއެކެވެ. އަދި އެހާމެ ވިސްނުންތޫނު ތަޤްވާވެރި ބޭކަނބަލެކެވެ. (ބައްލަވާ އަލްއިސްތީޢާބު ފީ އަސްމާއިލް އަންސާބް، އިބްނު ޢަބްދިލްބައްރު) (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.