ސޫރަތުލް ޙުޖުރާތުގެ ތަފްސީރު


  1. އެބައިމީހުންނީ އީމާންކަމުގެ ފޮނި ލިބިފައިވާ މީހުން ކަމުގައިވުން. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ثَلَاثَةٌ مَنْ كُنَّ فِيْهِ وَجَدَ بِهِنَّ حَلَاوَةَ الْإِيْمَانِ: أَنْ يَكُوْنَ اللهَ وَرَسُوْلَهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلّه، وَأَنْ يَكْرَهَ أَنْ يَعُوْدَ إِلَى الْكُفْرِ بَعْدَ أَنْ أَنْقَذَهُ اللهُ مِنْهُ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ) މާނައަކީ: “ތިންކަމެއް ފުރިހަމަވެއްޖެމީހާ އީމާންކަމުގެ ފޮނިކަން ޙާޞިލްކޮށްފިއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ އެހެން ކޮންމެ އެއްޗަކަށްވުރެބޮޑަށް އެމީހެއްގެ ކިބައަށް ލޯބުވެތިކަންބޮޑުވެއްޖެމީހާ، އަދި މީހަކުދެކެ ލޯބިވަނީ ހަމައެކަނި ﷲ އަށް ޓަކައި ކަމުގައި ހަދައިފިމީހާ އާއި، ނަރަކައިގެ އަލިފާންގަނޑުގެތެރެއަށް ވެއްޓިގަތުމަށް ނޭދޭފަދައިން ކުފުރުވެރިކަމުން ސަލާމަތްކުރެއްވުމަށްފަހު އެޔަށް އެނބުރި ދިޔުމަށް ނޭދޭމީހާ އެވެ.
  2. އެބައިމީހުންނީ ﷲ ގެ ލޯތްބާއި ޢަރްޝީގެ ހިޔާވަހިކަން ލިބިގެންވާ މީހުންކަމުގައި ވުން. ﷲ ތަޢާލާ ގިޔާމަތްދުވަހުން ބަސްވަޙީ ކުރައްވާނެއެވެ. (أَيْنَ الْمُتَحَابُّوْنَ بِجَلَالِيْ، اَلْيَوْمَ أُظِلُّهُمْ فِيْ ظِلِّيْ يَوْمَ لَا ظِلَّ إِلَّا ظِلِّيْ) މާނައަކީ: “ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ ޖަލާލުވަންތަކަމަށްޓަކައި ލޯބިވީމީހުންކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެންހިޔާވަހި ކަމެއް ނުވާ މިއަދުގައި އެބައިމީހުންނަށް ހިޔާވަހިކަން ދެއްވާނަމެވެ”.

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (سَبْعَةٌ يُظِلُّهُمُ اللهُ فِيْ ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ”. مِنْهُمْ “… وَرَجُلَانِ تَحَابَّا فِيْ اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ) މާނައަކީ: “ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްމީހަކަށް ހިޔާވަހިކަން ދެއްވާނަމެވެ. އޭގެ ތެރޭގައި ﷲ އަށް ޓަކައި ލޯބިވެ ގުޅުންބަދަހިކޮށް، އަދި ﷲ އަށް ޓަކައި ވަކިވާ މީހުންވެއެވެ”.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (إِنَّ رَجُلاً زَارَ أَخًا لَهُ فِيْ قَرْيَةٍ أُخْرَى، فَأَرْصَدَ اللهُ تَعَالَى عَلَى مَدْرَجَتِهِ مَلَكًا، فَلَمَّا أَتَى عَلَيْهِ، قَالَ: أَيْنَ تُرِيْدُ؟ قَالَ: أُرِيْدُ أَخًا لِيْ فِيْ هَذِهِ الْقَرْيَةِ، قَالَ: هَلْ لَكَ مِنْ نِعْمَةٍ تَرُبُّهَا عَلَيْهِ؟ قَالَ: لَا، غَيْرَ أَنَّنِيْ أَحْبَبْتُهُ فِيْ اللهِ تَعَالَى، قَالَ: فَإِنِّيْ رَسُوْلُ اللهِ إِلَيْكَ أُخْبِرُكَ بِأَنَّ اللهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيْهِ) މާނައަކީ: “މީހަކު އޭނާގެ އަޚަކަށް ޒިޔާރަތްކުރުމަށް ޓަކައި އަޚާގެ ރަށަށް ދަތުރުކުރިއެވެ. އޭނާގެ ދަތުރުގެ މަގުމަތީގައި މަލާއިކަތްބޭކަލަކާއި ބައްދަލުވިއެވެ. މަލާއިކަތާ ސުވާލުކުރެއްވިއެވެ. ތިޔަދަނީ ކޮންތަނަކަށް ހެއްޔެވެ؟ ޖަވާބުގައި ބުންޔެވެ. މި ރަށުގައި އުޅޭ އަހަރެންގެ އަޚަކަށް ޒިޔާރަތް ކުރާށެވެ. މަލާއިކަތާ ދެންނެވިއެވެ. “އޭނާގެ ކިބައިން އެއްވެސް ކަމެއް ބޭނުންވެފައި އެބައޮތްހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޔެވެ. ނޫނެކެވެ. ހަމައެކަނި ﷲ އަށް ޓަކައި އޭނާ ދެކެލޯބިވާތީވެއެވެ. މަލާއިކަތާ ދެންނެވިއެވެ. “އަހުރެންނީ ކަލޭގެ ގާތަށް މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލަކީމެވެ. ﷲ އަށް ޓަކައި ތިބާގެ އަޚާ ދެކެ ލޯބިވީ ފަދައިން ﷲ ތިބާ ދެކެ ލޯބިވެވަޑައިގެންފިކަމުގެ ޚަބަރު ތިބާ އަށް ދިނުމަށް ޓަކައެވެ”.

  • އެބައިމީހުންނީ ގިޔާމަތް ދުވަހުން ސުވަރުގޭގެ އަހްލުވެރިން ކަމުގައި ވާނޭކަން. ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ عَادَ مَرِيْضاً نَادَى مُنَادٍ مِنَ السَّمَاءِ ، طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا) މާނައަކީ: “ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ އުޑުން ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. ކަލޭ ތިޔަކުރީ ވަރަށް ހެޔޮ ރަގަޅު ކަމެކެވެ. ތިކަމަށްޓަކައި ކަލޭ އެޅި ކޮންމެ ފިޔަވަޅަކީ ވެސް ވަރަށް ރަގަޅު ހެޔޮ ކަމެކެވެ. ކަލޭ ސުވަރުގެއިން ގަނޑުވަރެއް ތައްޔާރުކޮށްފިއެވެ”.
  • އެކަމަކީ ﷲ އަށް ކުއްތަންވަންތަ ވުމުގެ ގޮތުން ކުރެވޭނެ އެންމެ ހެޔޮކަންތައް ކަމުގައިވުން. އެންމެ ފުރިހަމަ އީމާން ކަމަކީ ކޮބައިތޯ ސުވާލު ކުރެވުމުން ކީރިތި ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أَنْ تُحِبَّ لِلّهِ وَتُبْغِضَ لِلّهِ…”. قِيْلَ: وَمَاذَا يَا رَسُوْلَ اللهِ؟ فَقَالَ: “وَأَنْ تُحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ، وَتَكْرَهُ لَهُمْ مَا تَكْرَهُ لِنَفْسِكَ) ﷲ އަށް ޓަކައި ލޯބިވާށެވެ. އަދި ﷲ އަށް ޓަކައި ރުޅިވާށެވެ. ދެންނެވުނެވެ. ﷲ ގެ ރަސޫލާއެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ކުރާ ލޯބި މީސްތަކުންނަށްވެސް ކުރުމެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ނޭދޭކަންތައް އަނެކުންނާއި މެދުވެސް ނޭދުމެވެ”.

5. އުޚުއްވަތްތެރިކަމުގެ ސަބަބުން މާތް ﷲ އެބައިމީހުންގެ ފާފަ ފުއްސަވާނެކަން. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ يَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا) މާނައަކީ: “ދެމުސްލިމަކު އެއްވެ އަތާ އަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ އެދެމީހުން ވަކިވެގެން ދިޔުމުގެ ކުރިން މާތް ﷲ އެދެމީހުންގެ ފާފަ ފުއްސަވާ ދެއްވާނެއެވެ”.

އިސްލާމީ އުޚުއްވަތްތެރިކަމުގެ ޝަރުޠުތައް:

  1. އުޚުއްވަތްތެރިކަން ބާއްވަނީ ﷲ އަށް ޓަކައި ކަމުގައިވުން. އަދި ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ކަމުގައިވުން. ދުނިޔަވީ މަޞްލަޙަތެއް، ފައިދާއެއް އެކަމުގެ ފަހަތުގައި ނުވުން. މި އުޚުއްވަތްތެރިކަމުގެ ހުރިހާވެސް ބޭނުމަކީ އަދި މަގްޞަދަކީ ﷲ ތަޢާލާގެ ރުއްސެވުމާއި ލޯބި ޙާޞިލް ކުރުން ކަމުގައި ވުން. ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إنما الأعمال بالنيات) މާނައަކީ: “ހަމަކަށަވަރުން ޢަމަލުތައްވަނީ ނިޔަތާއި އެއްގޮތަށެވެ”.
  2. ކޮންމެ ޙާލަތެއްގައިވެސް އުޚުއްވަތްތެރިކަން ބޭއްވުން. މޫސާ ޢަލައިހިއްސަލާމް ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދެންނެވިއެވެ. އެކަލޭގެފާނާއި ހަވާލު ކުރެވުނު ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމަށްޓަކައި އެހީތެރިއެއް ކަމުގައި ހާރޫން ޢަލައިހިއްސަލާމް ހަމަޖައްސަވައި ދެއްވާށެވެ. ޠާހާ ސޫރަތުގެ 29 އިން 35 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاجْعَلْ لِي وَزِيرًا مِنْ أَهْلِي (29) هَارُونَ أَخِي (30) اشْدُدْ بِهِ أَزْرِي (31) وَأَشْرِكْهُ فِي أَمْرِي (32) كَيْ نُسَبِّحَكَ كَثِيرًا (33) وَنَذْكُرَكَ كَثِيرًا (34) إِنَّكَ كُنْتَ بِنَا بَصِيرًا) މާނައަކީ: “މޫސާ ޢަލައިހިއްސަލާމް ދުޢާގައި ވިދާޅުވިއެވެ. މިއަޅާގެ މަސައްކަތުގައި އެހީވާނެ މީހަކު މިއަޅާގެ ޢާއިލާގެ ތެރެއިން ދެއްވާފާންދޭވެ. އެމީހަކު އަޅުގެ އަޚް ޙާރޫން ކަމުގައި ހަމަޖައްސަވައިދެއްވާފާންދޭވެ. އޭނާ މެދުވެރިކުރައްވާ އަޅުގެ ބާރު ގަދަކުރައްވާފާންދޭވެ. އަދި އޭނާ އަޅުގެ މަސައްކަތުގައި ބައިވެރިކުރައްވާފާންދޭވެ. އަޅަމެން އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމަށް ހެކިވެ، ގިނަގިނައިން ޘަނާ އާއި ޝުކުރު ދެންނެވުމަށްޓަކައެވެ. އަދި އަޅަމެން ގިނަގިނައިން އިބަ ﷲ ގެ މަތިން ހަދުމަ ކުރުމަށްޓަކައެވެ. ހަމަކަށަވަރުން އިބަ ﷲ އަޅަމެންގެ ޙާލު ދެނެވޮޑިގެންވަމެވެ”.

ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ما نفعني مالُ أحدٍ قطّ مَا نفعني مالُ أبي بكر) މާނައަކީ: “އަބޫބަކުރުގެފާނުގެ މުދަލުން ތިމަންކަލޭގެފާނަށް ފައިދާކުރިވަރަށް އެހެންމީހެއްގެ މުދަލުން ތިމަންކަލޭގެފާނަށް ފައިދާ އެއް ނުކުރެއެވެ”.

  • އިސްލާމްދީނުގައި އެއް މުސްލިކަމު އަނެއް މުސްލިމެއްގެ މައްޗަށް ދެއްވާފައިވާ ޢާއްމު ޙައްގުތައް ދިނުން. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (حق المسلم على المسلم ست: إذا لقيه سلَّم عليه، وإذا عطس أن يشمِّته، وإذا مرض أن يعُوده، وإذا مات أن يشيعه، وإذا أقسم عليه أن يبرَّه، وإذا دعاك فأجِبْه) މާނައަކީ: “އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް ހަޔެކެވެ. ބައްދަލުވެއްޖެނަމަ ސަލާމް ކުރާށެވެ. ކިނބިހި އަޅައި، އަލްޙަމްދު لله ކިޔައިފިނަމަ “ޔަރްޙަމުކަﷲ” އޭ ބުނާށެވެ، ބަލިވެއްޖެނަމަ ޒިޔާރަތްކުރާށެވެ، މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވާށެވެ، ހުވައެއްކޮށްފިނަމަ ނުވަތަ ވަޢުދެއްވެއްޖެނަމަ އެވަޢުދެއްފުއްދައިދޭށެވެ، ދަޢްވަތެއް ދީފިނަމަ އެޔަށް އިޖާބަ ދޭށެވެ”.

އިސްލާމީ އުޚުއްވަތްތެރިކަމުގެ ރިވެތި ނަމޫނާތައް:

  1. މުހާޖިރުންނާއި އަންޞާރުން އަޚް ކުރެއްވުން. އަދި އައުސްވަންހަ އާއި ޚަޒްރަޖް ވަންހައިގެ މީހުން އަޚް ކުރެއްވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މުހާޖިރިއްޔަ ބޭކަލެއްގެ އަތްޕުޅުގައްޔާއި އަންޞާރިއްޔަ ބޭކަލެއްގެ އަތްޕުޅުގައި ހިއްޕަވާ ޙަދީޘް ކުރެއްވިއެވެ. ﷲ އަށް ޓަކައި ދެމީހުން ދެމީހުންނަށް (މުހާޖިރީ އަކާއި އަންޞާރީ އެއް) އަޚުންކަމުގައިވާށެވެ”.  ސަޢުދު ބިން ރަބީޢާ އާއި ޢަބްދުއްރަޙްމާން ބިން ޢައުފު އަޚް ކުރެއްވި ހިނދު ސަޢުދު ކަންތައްކުރެއްވިގޮތަކީ އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅައެއްބައި ޢަބްދުއްރަޙްމާނަށް ހަދިޔާ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދެގެއިންކުރެ އެއްގެ ޢަބްދުއްރަޙްމާނަށް ހަދިޔާ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަނބީންގެ ތެރެއިން ޢަބްދުއްރަޙްމާނަށް ކަމުދާ ބޭކަނބަލަކު ވަރިކުރައްވާ ޢިއްދާ ހަމަވުމުން ކައިވެނިކޮށްދެއްވިއެވެ.

ނަމަވެސް މުހާޖިރުން އިޚްތިޔާރު ކުރެއްވީ ޢިއްފަތްތެރިކަމެވެ. ޢަބްދުއްރަޙްމާން ބިން ޢައުފް- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ކަލޭގެފާނުގެ މުދަލާއި އަނބިން އަދި ގޯތި ހުރިގޮތަށް ބަހައްޓާށެވެ. ތިމަންކަލޭގެފާނަށް ބާޒާރު ހުންނަ ތަން ބުނެދޭށެވެ. ދެން ސަޢުދު ބިން ރަބީޢާ އަތުން ދަރަންޔަށް ފައިސާކޮޅެއް ނަންގަވައިގެން ވިޔަފާރި އެއް ފެއްޓެވިއެވެ. މާތް ﷲ ރިޒްގުގެ މަގުތައް ތަނަވަސްކޮށްދެއްވިއެވެ. މާތް ﷲ އަލްޙަޝްރު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلاً مِنْ اللهِ وَرِضْوَانًا وَيَنْصُرُونَ اللهَ وَرَسُولَهُ أُوْلَئِكَ هُمْ الصَّادِقُونَ (8) وَالَّذِينَ تَبَوَّءُوا الدَّارَ وَالإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمْ الْمُفْلِحُونَ(9)) މާނައަކީ: “އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ.”

  • ބަދުރު ހަނގުރާމައިގެ ދުވަހުގައި މުޝްރިކުންގެ ހަތްދިހަ މީހުން އަސީރުކުރެވުނެވެ. އޭގެ ތެރޭގައި މުޞްޢަބް ބިން ޢުމައިރު ގެ އަޚް ޢަޒީޒުވެސް ހިމެނުނެވެ. އެތަން މުޞްޢަބަށް ފެނިވަޑައިގަތުމުން އޭނާގެ މުސްލިމް އަޚާ އަށް ދެންނެވިއެވެ. “ތިބާގެ ތިޔަ އަސީރުގެ މައްޗަށް ހަރުކަށިވެ ރައްކާތެރިވާށެވެ. އަދި އޭނާގެ ކބައިން ތިބާ ބޭނުންވަރަކަށް ފައިސާ އަށް އެދޭށެވެ. ހަމަކަށަވަރުން އޭނާގެ މަންމަ އަކީ މުދާވެރިއެކެވެ. އެހިނދު ޢަޒީޒު ވިދާޅުވިއެވެ. “ތިޔައީ ތިބާގެ އަޚާ އާއި މެދުގައި ކަންކުރަން އެންމެ ރަގަޅު ގޮތް ހެއްޔެވެ؟”، އެހިނދު މުޞްޢަބް ވިދާޅުވިއެވެ. “ތިޔައީ އަހަރެންގެ އަޚެއް ނޫނެވެ. އަހަރެންގެ އަޚަކީ މިހުރީއެވެ. މިހެންވިދާޅުވެ މުސްލިމް އަޚާ އަށް އިޝާރާތް ކުރެއްވިއެވެ.

މިއިން އެގެނީ ނަސަބު ގެ އަޚްވަންތަ ކަމަށްވުރެ ދީނުގެ ގޮތުން އޮންނަ އަޚްވަންތަކަން ވަރުގަދަ ކަމެވެ.

(فَأَصْلِحُوا بَيْنَ أَخَوَيْكُمْ ) ތިޔަބައިމީހުންގެ އެއްބަނޑު އެއްބަފާ އަޚުންގެ މެދުގައި މައްސަލަ ޖެހުމުން، އެކަން ޙައްލުކުރުމަށް މަސައްކަތް ކުރާ ފަދައިން، މުސްލިމް އަޚުންގެ މެދުގައި މައްސަލަ ޖެހުމުންވެސް އެކަން ޞުލްޙަވެރި ކުރުވުމަށް މަސައްކަތް ކުރާށެވެ.

(وَاتَّقُوا اللَّـهَ) އަދި ތިޔަބައިމީހުން މާތް ﷲ އަށް ތަގްވާވެރިވާށެވެ. ތަގްވާގެ މާނަ އާއި އޭގެ މޭވާގެ ވާހަކަ އިސްވެގޮސްފިއެވެ. މުރާޖަޢާ ކުރައްވާށެވެ.

(لَعَلَّكُمْ تُرْ‌حَمُونَ) ތިޔަބައިމީހުން ﷲ އަށް ތަގްވާވެރިވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާނެތެވެ. އެހެންކަމުން، ﷲ ގެ ރަޙްމަތް ޙާޞީލު ކުރުމަށް ޓަކައި، ﷲ އަށް ތަގްވާވެރިވާށެވެ.

މުއިމިނުންނަށް ރިވެތި އަޚްލާގު ދަސްކޮށްދެއްވަމުން ވަޙީ ކުރައްވަނީ (يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ  )

(لَا يَسْخَرْ‌) ސުޚްރިޔާ އަކީ މަލާމާތްކޮށް ފުރައްސާރަކޮށް ހެދުމެވެ. މިދުނިޔެމަތީގައި މާތް ﷲ އެކި އިންސާނުން ލައްވާފައިވަނީ އެކި ދަރަޖަތަކުގެ މައްޗަށެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (أَهُمْ يَقْسِمُونَ رَ‌حْمَتَ رَ‌بِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚ وَرَ‌فَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَ‌جَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِ‌يًّا ۗ وَرَ‌حْمَتُ رَ‌بِّكَ خَيْرٌ‌ مِّمَّا يَجْمَعُونَ)[1] މާނައަކީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަންދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.” 

އަދިވެސް ވަޙީ ކުރައްވައެވެ. (انظُرْ‌ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَ‌ةُ أَكْبَرُ‌ دَرَ‌جَاتٍ وَأَكْبَرُ‌ تَفْضِيلًا  )[2] މާނައަކީ: “ތިމަންރަސްކަލާނގެ އެއުރެންކުރެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މާތްކުރައްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! އަދި ހަމަކަށަވަރުން، ދަރަޖައިގެގޮތުން آخرة މާބޮޑެވެ. އަދި މާތްކުރެއްވުމުގެ ގޮތުންވެސް މާބޮޑުމެއެވެ.”

މާތް ﷲ އެކި އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް ތަފާތު ގޮތްތަކުން މާތް ކުރައްވާފައިވެއެވެ. އެގޮތުން، ޢިލްމުގެ ރޮގުން ތަފާތު ކުރައްވާފައިވެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވުރެ ޝަރްޢީ ޢިލްމުގެ ގޮތުން މަތިވެރިއެވެ. ބައެއް މީހުންނަށް ރިޒްގުގެ ގޮތުން ތަނަވަސްކޮށް ދެއްވާފައިވެއެވެ. އަނެއްބައިމީހުންނަށް އެކަން ނުދެއްވައެވެ. ބައެއް މީހުންނަކީ މަތިވެރި އަޚްލާގެއްގެ ބަޔަކު ކަމުގައި ލެއްވިއެވެ. އަނެއްބަޔަކީ އެފެންވަރުގެ ބަޔަކަށް ނުވެދާނެއެވެ.

މިހުރިހާ ކަމެއްވެސް ތިމާ އަށް ދެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުން، ތިމާ އަށް ވުރެ ވަކި ކަމެއްގައި ދަށުދަރަޖައިގެ މީހުންގެ މައްޗަށް ބޮޑާވެގަނެ، ފުރައްސާރަކޮށް މަލާމާތްކޮށް ނުހެދުމަށް މިއާޔަތުގައި މިވަނީ އަންގަވާފައެވެ. ސަބަބަކީ އަނެކާ އަށް ވުރެ ވަކި ކަމެއްގައި ތިބާ ކުރިއަރާ ގޮސްފައިވަނީ ﷲ ގެ ބެއްސެވުމާއި އެއްގޮތަށެވެ. ﷲ އެގޮތަށް އެކަން މެދުވެރިކޮށްދެއްވީމައެވެ. ތިމާ އަށް ލިބިފައިވާ ނިޢުމަތެއްގެ ސަބަބުން އެހެން މީހުންނަށް ފުރައްސާރަކޮށް މަލާމާތްކޮށް ހަދާނަމަ، ޙަގީގަތުގައި އެމަލާމާތް ރައްދުކުރެވެނީ ﷲ އަށެވެ. އެހެނީ، ތިމާ އަށް ދެއްވި ނިޢުމަތް އަނެކާ އަށް ދެއްވާފައި ނުވާތީވެއެވެ.

(عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ) މިއަދު ނިކަމެތިވެފައިވާ މީހާ މާދަމާ ވަރުގަދަވެފައި ހުރެދާނެއެވެ. މިއަދު މީހަކާ ދިމާލަށް އޭނާގެ ނިކަމެތި ކަމުގެވާހަކަ ދައްކާ ފުރައްސާރަކޮށް ހަދައިފިނަމަ، މާދަމާ ތިބާ ހުރި މަގާމަށް އޭނާގޮސް، އޭނާ ހުރި މަގާމަށް ތިބާ އަށް ދާންޖެހިދަނެއެވެ. އެހެނީ މިހުރިހާ ކަމަކީ ﷲ ގެ ތަދްބީރެވެ. ތިމާގެ އެއްވެސް އާރެއް ބާރެއްގެ ދަށުން ހިނގާކަންތަކެއް ނޫނެވެ.

(وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ) އަންހެނުންނާއި ފިރިހެނުންގެ ވާހަކަ ވަކިވަކިން ގެންނަވާފައި ވުމުގެ ބޭނުމަކީ މިޙުކުމަކީ (އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރުމަށް އަންގަވާފައިވާ އެންގެވުމަކީ) ވަކި ޖިންސަކަށް ޚާއްޞަ ކަމަކަށް ނުވުމެވެ. އަދި މިފަދައިން ބަޔަކު މީހުން އުފައްދަފާނެ ޝުބްހާ އަކުން ދުރުހެލި ކުރެއްވުމަށެވެ.

ގުރްއާނުގައި “ގައުމު” އަދި “ނިސާ” އެކުގައި އަތުވެއްޖެނަމަ، “ގައުމު” އަކީ ފިރިހެނުންނެވެ. އަދި “ނިސާ” އަކީ އަންހެނުންނެވެ.

“ގައުމު” އެކަނި ޛިކްރު ކުރެވިފައިވާނަމަ އެއީ ފިރިހެނުންނާއި އަންހެނުންނެވެ. މިޘާލަކަށް ރަސޫލު ބޭކަލުންގެ ވާހަކަ އަންނަ އިރުގައި އެބޭކަލުން ފޮނުއްވުނީ އެބޭކަލެއްގެ ގައުމުގެ މީހުންގެ ގާތަށޭ އޮތުމުން ދޭހަވަނީ އެބޭކަލެއްގެ ގައުމުގެ ފިރިހެނުންނާއި އަންހެނުންގެ ގާތަށް ކަމެވެ. ވަކި ޖިންސަކަށް ނޫނެވެ. ނަމަވެސް، “ގައުމު” އާއި “ނިސާ” މި ދެލަފްޡު އެއްކޮށް އަތުވެއްޖެނަމަ، “ގައުމު” އަކީ ފިރިހެނުންނެވެ. އަދި “ނިސާ” އަކީ އަންހެނުންނެވެ.

(وَلَا تَلْمِزُوا أَنفُسَكُمْ ) “ލަމްޒު” އަކީ ޢައިބު ކިޔުމެވެ. މިވެނި މީހަކީ ދިގުމީހެކޭ، ނުވަތަ ކުރުމީހެކޭ، ކަޅުމީހެކޭ ނުވަތަ ދޮންމީހެކޭ، ނުވަތަ އެނޫންވެސް މީހެއްގެ ކިބައިގާ ހުރި ޢައިބު ޞިފަ އެއްގެ ވާހަކަ ދެއްކުމެވެ.

(وَلَا تَلْمِزُوا) މިބައި ދެގޮތަކަށް ތަފްސީރު ކުރެވެއެވެ. އެއީ:

  1. ތިޔަބައިމީހުން އެކަކު އަނެކަކަށް ޢައިބު ކިޔާ ނުހަދާށެވެ. ސަބަބަކީ އަނެއް އަޚާ އަކީ ތިމާފަދަ އިންސާނެއް ކަމުން އޭނާ އަށް ޢައިބު ކިޔުމަކީ ތިމާގެ ނަފްސަށް ޢައިބު ކިޔުން ފަދަ ކަމަކަށް ވުމެވެ.
  2. ތިބާގެ އަޚާގެ ޢައިބު ނުކިޔާށެވެ. އެހެނީ ތިބާގެ އަޚާގެ ޢައިބު ކިޔައިފިނަމަ، ތިބާގެ އަޚާ ތިބާ އަށް ޢައިބު ކިޔާނެތެވެ. އެހެންކަމުން، ތިބާގެ އަޚާގެ ޢައިބު ކިޔުމުގެ ސަބަބުން، ތިބާގެ އަޚާ ތިބާއަށް ޢައިބު ކިޔައެވެ. އާޚިރު ނަތީޖާ އަކީ ތިބާ އަމިއްލަ އަށް ޢައިބު ކިޔުން ފަދަ ކަމަކަށް ވުމެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ أَكْبَرَ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهِ ، قِيلَ : يَا رَسُولَ اللَّهِ ، وَكَيْفَ يَلْعَنُ وَالِدَيْهِ ؟ قَالَ : يَسُبُّ أَبَا الرَّجُلِ فَيَسُبُّ أَبَاهُ ، وَيَسُبُّ أُمَّهُ فَيَسُبُّ أُمَّهُ)[3]              މާނައަކީ: “އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތް ދިނުން ހިމެނިގެންވެއެވެ”. ޞަޙާބީން ދެންނެވިއެވެ. ﷲ ގެ ރަސޫލާ އެވެ. “މީހަކު އޭނާގެ އަމިއްލަ މައިންބަފައިންނަށް ލަޢުނަތްދޭނީ ކިހިނަކުންތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “މީހަކު އަނެކާގެ ބައްޕަ އަށް ހަޑިހުތުރު އެއްޗެހި ބުނުމުން އޭގެ ރައްދުގައި އަނެކާވެސް އެބަސް ބުނި މީހާގެ ބައްޕަ އަށް ހަޑިހުތުރު ބަސް ބުނެއެވެ. އަދި މީހަކު އަނެކާގެ މަންމަ އަށް ހަޑިހުތުރު ބަސް ބުނުމުން، ރައްދުގައި އަނެކާވެސް އެބަސް ބުނި މީހާގެ މަންމަ އަށް އެފަދަ ހަޑިހުތުރު ބަހެއް ބުނެއެވެ.”

ވީމާ، އެކަކު އަނެކަކަށް ޢައިބު ކިޔާ ހެދުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. އެއީ ޚަލްގީ ނުވަތަ ޚުލުގީ ޢައިބެއް ކަމުގައިވީނަމަވެސް އެވެ. ޚަލްގީ ޢައިބަކީ އުފެދުމުގައި ހުރި ޢައިބެވެ. މިފަދަ ކަންތަކަށް ޢައިބު ކިޔުމަކީ ޚާލުގުވަންތަ ﷲ އަށް ޢައިބު ކިޔުމެވެ. އެހެނީ، އެމީހަކު އެފަދަ ގޮތަކަށް އުފެއްދެވީ ﷲ އެވެ.

ޚުލުގީ ޢައިބަކީ ރުޅިގަދަވުން، ދޫހުތުރުވުން، ފަދަ ކަންތަކެވެ. މިފަދަ ކަމެއް މީހެއްގެ ކިބައިން ފެނުނު ނަމަވެސް އެމީހަކަށް ޢައިބު ކިޔައިގެން ނުވާނެއެވެ. އެހެނީ، މީހަކަށް ޢައިބު ކިޔަންވެއްޖެނަމަ ގިނަފަހަރަށް އެމީހަކަށް އެކަމެއް ލައިގަނެއެވެ. ވީމާ، މިފަދަ ނޭދެވޭ ޞިފައެއް މީހެއްގެ ކިބައިން ފެނިއްޖެނަމަ، އަޅުގަޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެމީހަކަށް ނަޞޭޙަތްދީ އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ވާރިދުވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ދީނަކީ ނަޞޭޙަތެކެވެ”، މިގޮތަށް ތިންފަހަރު ޙަދީޘް ކުރެއްވިއެވެ. ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. “ކާކަށްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ﷲ އަށާއި އެކަލާނގެ ފޮތަށާއި، އެކަލާނގެ ރަސޫލާ އަށާއި މުސްލިމުންގެ ވެރިންނަށާއި ޢާއްމުންނަށެވެ”. މި ޙަދީޘުން ދޭހަވަނީ މުޅި ދީން ބިނާވެފައިވަނީ ނަޞޭޙަތުގެ މައްޗަށް ކަމެވެ. ޙައްޖަކީ ޢަރަފާތް ކަމުގައި ލެއްވި ފަދައިން ދީނަކީ ނަޞޭޙަތް ކަމުގައި މިވަނީ ލައްވާފައެވެ. މިއިން ދޭހަވަނީ ނަޞޭޙަތުގެ މަތިވެރި ކަމެވެ. ނަޞޭޙަތަކީ ރަސޫލު ބޭކަލުންގެ ވަޡީފާ އެވެ. ނަބީބޭކަލުން އެބޭކަލުންގެ ގައުމުގެ މީހުންނަށް ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވުމަށް އިންޛާރު ދެއްވުމަށްފަހު، ﷲ އެއްކައުވަންތަކޮށް، އެކަލާންގެ އަށް އަޅުކަން ޚާލިޞް ކުރުމަށް ގޮވާލެއްވިއެވެ. ނޫޙް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތުގައި ވިދާޅުވިއެވެ. (أُبَلِّغُكُمْ رِ‌سَالَاتِ رَ‌بِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ)[4] މާނައަކީ: ” އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް نصيحة ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ حضرة ން އަހުރެންނަށް އެނގެއެވެ.” ހޫދު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތުގައި ވިދާޅުވިއެވެ. (أُبَلِّغُكُمْ رِ‌سَالَاتِ رَ‌بِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ)[5] މާނައަކީ: ” އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ.” (ނުނިމޭ)


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.