
ބ. އޭދަފުށީގައި އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބެޑްމިންޓަން ލީގު މިއަދު ފެށިއިރު މުބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމާއި ބ. އަތޮޅު ހޮސްޕިޓަލް ޓީމުން ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗުގައި އަތޮޅު ހޮސްޕިޓަލް ވާދަކުރީ އުރީދޫ އާ އެވެ. ހޮސްޕިޓަލް މޮޅުވީ ޓައިގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެގެންނެވެ.
މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި މިރޭ ދިރާގު ޓީމުގެ މައްޗަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ކުރި ހޯދީ ޓައިގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެގެންނެވެ. ދިރާގު މޮޅުވީ ޓައިގެ އެންމެ މެޗަކުންނެވެ.
މި ހަތަރު އޮފީހުގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އަތޮޅު ކައުންސިލް/ބަޔޮސްފިއާ/އޭދަފުށީ ކައުންސިލް/މިރާ ގުޅިގެން ނެރޭ ޓީމު ކޭމްބަރ އެވެ.
މިދިޔަ ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރީ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.