
މިނިވަން ދުވަހާ ގުޅުވައިގެން އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖު ފަށައިފި އެވެ.
އޭދަފުށީ ކައުންސިލާއި އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާ ގުޅިގެން ބާއްވާ މި މުބާރާތް މިއަހަރު ކުރިއަށްގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. އެގޮތުން އެކި އޮފީސްތަކުން ފިރިހެން ހަތް ޓީމު އަދި އަންހެން ޑިވިޝަންގައި ހަތަރު ޓީމު ވާދަކުރެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ދިރާގުން ވަނީ ޕޮލިހުގެ މައްޗަށް 5-2 އިން ކުރި ހޯދައިފަ އެވެ. ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ހޮސްޕިޓަލް ކޮމްބައިން ޓީމުގެ މައްޗަށް ފެނަކައިން ވަނީ 5-2 އިން ކުރިހޯދައިފަ އެވެ.
ތިންވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އުރީދޫ އަތޮޅު ކައުންސިލް ކޮމްބައިން ޓީމުގެ މައްޗަށް ކުރި ހޯދީ 6-3 އިންނެވެ.

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ސިކްސް ވިންގްސް ޓީމުގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 1-0 އިން އަތޮޅު ހޮސްޕިޓަލް މޮޅުވިއިރު، ދެވަނަ މެޗުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް 1-0 އިން ކުރި ހޯދީ ކޮޕްސް ބީ ޓީމެވެ.
ތިންވަނަ މެޗުގައި މިއަދު ހެނދުނު ހޮސްޕިޓަލު ޓީމު ވަނީ 1-0 އިން ކޮޕްސް ބީ ޓީމު ބަލިކޮށްފަ އެވެ.
އަންހެން ޑިވިޝަންގެ 4 ވަނަ މެޗުގައި ސިކްސް ވިންގްސް އިން ވަނީ 2-0 އިން ތައުލީމީ މަރުކަޒު ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ތިން މެޗު މިރޭ ވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ދިރާގާ ދެކޮޅަށް ނުކުންނާނީ ފެނަކަ އެވެ. ދެވަނަ މެޗުގައި ހޮސްޕިޓަލް ކޮމްބައިން ޓީމާ ވާދަކުރާނީ ޕޮލިސް އެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައު ބަޔޮސްފިއާ ކޮމްބައިން ޓީމާ ދެކޮޅަށް ނުކުންނާނީ އަތޮޅު ކައުންސިލް ކޮމްބައިން ޓީމެވެ.