
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ ގްރޫޕުގެ ޗެމްޕިއަންކަން ރެޑް ހައުސް ހޯދައިފި އެވެ.
ރެޑް ހައުސް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިއަދު ހަވީރު ވައިލެޓް ހައުސް ބަލިކުރުމަށްފަހު އެވެ. ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ރެޑް ހައުސް ކުރި ހޯދީ 6-5 އިންނެވެ.


މުބާރާތު އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ރެޑް ހައުސްގެ މުހައްމަދު ރަފާފު ޒާކިރު އާއި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ވައިލެޓް ހައުސްގެ މުހައްމަދު އަބާން އަލީ އާއި ރެޑް ހައުސްގެ މުހައްމަދު އަތޫފް ރިފާއު އާއި ޔައީސް އަހްމަދު އަޝްރަފް އަދި އަބްދުﷲ ފާސިރެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.