
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން ދިރާގު ފުރުސަތު ހޯދީ ކައުންސިލުގެ ކޮމްބައިން ޓީމު އަތުން 6-2 އިން މޮޅުވެގެންނެވެ. މި މެޗުގައި ދިރާގުގެ މިމްރާހު ދެ ގޯލު ޖެހިއިރު، އަނެއް 4 ލަނޑު ޖެހީ އަބްދުއްސަލާމް، އަބްދުﷲ އަބޫބަކުރު، އަބްދުﷲ ޝަރީފް އަދި ޖައިލަމެވެ.

ފައިނަލުގެ ފަހު ޖާގަ އެންމެފަހުގެ ޗެމްޕިއަން އުރީދޫ އިން ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން އަތޮޅު ހޮސްޕިޓަލުގެ ކޮމްބައިން ޓީމު ބަލިކުރުމަށްފަހު އެވެ.
ދިރާގާއި އުރީދޫ ބައްދަލުކުރާ ފައިނަލު މެޗުގެ ކުޅުން ފަށާނީ މިރޭ 9:30 ގަ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިސަންގެ ސެމީ ފައިނަލުގެ ފަހު މެޗުގައި ޕޮލިސް ކޮމްބައިން ޓީމުން ވަނީ 3-1 އިން ސިކްސް ވިންގްސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި އެ ޓީމު މިރޭ ނުކުންނާނީ ހޮސްޕިޓަލު ޓީމާ ދެކޮޅަށެވެ. މެޗު ފަށާނީ 8:30 ގަ އެވެ.
މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.