
ބ. އަތޮޅުގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެންމެފަހުގެ ޗެމްޕިއަން ފިނޮޅު ރިސޯޓް އަތުން 2-0 އިން އަމިއްލަފުށި މޮޅުވެއްޖެ އެވެ.
އޭދަފުށީ ޓާފު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރަނީ މިއަތޮޅުގެ ހަ ރިސޯޓުންނެވެ. އެއީ ގްރޫޕް އޭގައި އަމިއްލަ ފުއްޓާއި ފިނޮޅުގެ އިތުރުން އަނަންތަރާ ކިހަވައް ވިލާސް އެވެ. ގްރޫޕް ބީގައި ރޯޔަލް އައިލެންޑް، ޑްސިޓަ އަދި ސޮނެވާފުއްޓެވެ.

މި ފަހަރުގެ މުބާރާތް މި ބާއްވަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.
އިއްޔެގެ މެޗުގައި އަމިއްލަ ފުއްޓަށް ލީޑު ނަގައިދިނީ މެޗުގެ ފުރަތަމަ ހާފުގައި އަހްމަދު މަމްދޫހެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ދެވަނަ ލަނޑު ކާމިޔާބުކުރީ އަބްދުލް ސަމީއު ޚަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަމިއްލަފުށީގެ ހަސަން ފައިސަލެވެ.

ހަ ޓީމު ވާދަކުރާ ގްރޫޕު ބީ ގައި ފުރަތަމަ މެޗުގައި މިއަދު ރޯޔަލް އައިލެންޑް ނުކުންނާނީ ޑުސިތު ތާނީ އާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:15 ގަ އެވެ.