
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ ތަމްސީލުކުރި 2 ކައިޓް ސާފަރުންގެ ތެރެއިން ބ. ގޮއިދޫ އަށް އުފަން އުމުރުން 17 އަހަރުގެ ޒަޔާން މުޙައްމަދު ނާޒިމުގެ އުއްމީދުތައް ވަރަށް ވެސް ފޮންޏެވެ.

މިފަހަރު ކާމިޔާބު ނުވިޔަސް މި ދަތުރަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް އޭނާ ބުންނެވެ.

އީޓީއަށް މަޢުލޫމާތު ދެމުން ޒަޔާން ބުނި ގޮތުގައި ކުރިމަގުގައި މި ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް އަތުކުރި އޮޅާލާފައިވާ ކަމަށެވެ.

“އަޅުގަނޑުގެ މިވަގުތުގެ އަމާޒަކީ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބައިވެރިވެ ރަގަޅު ވަނައެއް ހޯދުން،” ޒަޔާން ބުންޏެވެ.
ޒަޔާން ބުނިގޮތުގައި މިފަދަ ކަންކަމުގައި އެހެންމީހުންގެ ފަރާތުން ބޭނުންވަނީ ހިތްވަރެވެ.

“މިއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. ބޭނުންވަނީ ހިތްވަރު” އޭނާ ބުންޏެވެ. އަދި މިހާރުވެސް ވަރަށް ގިނަމީހުންގެ ސަޕޯޓް ލިބޭކަމަށް އޭނާ ބުންޏެވެ.
“އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުން ސިމްބެ، އެޑަމްބެ ސެއިލިންގް އެސޯސިއޭޝަން އަދި އަޅުގަނޑުގެ އާއިލާއަށް، އެންމެ ބޮޑު ސަޕޯޓެއް ލިބެނީ އާއިލާގެ ފަރާތުން،”