
ލެވިސްތާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ފިނޮޅު ރިސޯޓް އަތުން 2-2 އިން އެއްވަރުވުމުން ފިނޮޅު މުބާރާތުން ކެޓިއިރު، ގްރޫޕް އޭ އިން އަނަންތަރާ ކިހަވައް ވިލާސް އާއި އަމިއްލަފުށި ރިސޯޓުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ތިން ޓީމު ވާދަކުރާ މި ގްރޫޕްގެ އެއް ވަނައިގައި ފިނޮޅު އޮތީ 4 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ގަިއ އޮތް އަމިއްލަފުއްޓަށް ލިބުނީ ތިން ޕޮއިންޓެވެ. ފިނޮޅު މުބާރާތުން ކެޓީ އެއް ޕޮއިންޓާއެކު އެވެ.
އަނަންތަރާގެ ފުރަތަމަ ޖެހީ 32 ވަނަ މިނިޓްގައި އުބްރާހީމް ޒަމީރު އެވެ. އަނަންތަރާ އިން މެޗުގައި ލީޑު ފުޅާކުރި ގޯލު އޭގެ ދެ މިނިޓް ފަހުން ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފު ޔޫސުފެވެ.

ދެ ގޯލުގެ ފަހަތުގައި އޮތް ފިނޮޅުން މެޗުގެ ނަތީޖާ އަނބުރާލީ 50 ވަނަ މިނެޓާ 67 ވަނަ މިނެޓުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ރަޒާން ރަޝީދު ޖެހިއިރު، އެއްވަރު ކުރި ގޯލު ޖެހީ މުހައްމަދު ފާސިރެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަނަންތަރާގެ އަހްމަދު ހުމައިދެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ ފަހު މެޗެވެ. މާދަމާ ހަވީރު 16:15 ގައި ފަށާ މި މެޗުގައި ޑުސިތު ތާނީ ނުކުންނާނީ ސޮނެވާފުއްޓާ ދެކޮޅަށެވެ.