
ބޮޑު އީދު ބަންދާ ގުޅުބައިގެން އޭދަފުށީގައި މިހާރު ކުރިއަށްދާ މުބާރާތް “ލެވިސްޓާ ކަޕް” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު އެމްއޭ ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.
އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި އެމްއޭ ޔުނައިޓެޑުން ވަނީ ހުސްސޮގުން ކޮޅަށް 7 ލަނޑު ޖަހައިފަ އެވެ.
މި މެޗުގައި އެމްއޭ ޔުނައިޓެޑުން ޖެހި ފުރަތަމަ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓުގައި ސެންޓޭ ޖެހީ އެ ޓީމުގެ ކުޅުންތެރިއެއް ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް ފޮނުވާލައިގެންނެވެ. މި މެޗުގައި ހުސްސޮގުން ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވާކަން ފާހަގަކޮށްލެވެއެެވެ. އެމްއޭ ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހައްފާފް ސިދްޤީއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި ސެންޓޭ ވަނީ ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސެންޓޭގެ ބޭބެ މުޙައްމަދު ފާސިރު (ފާއްޓެ) ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށްބަދަލުކޮށްލާފައެވެ.

އެމްއޭ ޔުނައިޓެޑްގެ ހަ ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އެޓ ީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަކްރޯން އުމަރު ޖޮނޯވްއެވެ. އަދި އެޓީމުން މި މެޗުގައި ޖެހި ފަހު ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުޙައްމަދު އަބާން އަލީއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މި މެޗުގައި ހެޓްރިކް ހެދި އެމްއޭ ޔުނައިޓެޑްގެ އަލީ ފާސިރު (ސެންޓޭ)އެވެ.
މި މުބާާރާތުގައި މާދަމާ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންޖޯއި ފްރެންޑްސް އާއި ޔުނައިޓެޑް ވީއެވެ. މހަވީރު ކުޅޭ މެޗުގައި އެމްއޭ ޔުނައިޓެޑް ނުކުންނާނީ ވެލާ ސްޕޯޓްސް އާ ދެކޮޅަށެވެ.