
ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސައިނޯސާ އެފް.ސީ ދަތުރުކޮށްފިއެވެ.
މިއަދު ހެނދުނު އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މި މެޗު ސައިނޯސާއިން ކާމިިޔާބުކުރީ އެންޖޯއި ފްރެންޑްސްއާއި ވާދަކޮށް ނުވައެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް ބަލިވެ އެންޖޯއި ފްރެންޑްސް ވަނީ މުބާރާތުން ކަޓާފައެވެ. އެއާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސައިނޯސާ ސެމީން ޖާގަ ހޯދާފައިވާއިރު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ޔުނައިޓެޑް ވީއެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ލިބޭނެ ޓީމެއް ކަށަވަރުވަނީ މިއަދު ހަވީރު ވެލާ ސިޓީ އާއި ހުސްސޮގުން ބައްދަލުކުރާ މެޗު ނިމުމުންނެވެ.
މި މެޗުގައި ސައިނޯސާގެ ފުރަތަމަ ލަނޑު މެޗުގެ ދިހަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔަސްފާދް ހަބީބް (މުލަކޭ)އެވެ. އަދި ދެވަނަ ލަނޑު މެޗުގެ ބާވީސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ)އެވެ. މި މެޗުގައި އެންޖޯއި ފްރެންޑްސްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާއިރު، ސައިނޯސާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މެޗުގައި ސައިނޯސާގެ ތިން ވަނަ ލަނޑު މެޗުގެ ތިރީސް އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އަދި ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި މުހައްމަދު އުމައިރު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ ސާޅީސް ހަވަނަ މިނެޓުގައި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ސައިނޯސާގެ ހަވަނަ ލަނޑު މެޗުގެ ފަންސާސް އެއްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އަދި މެޗުގެ ފަސްދޮޅަށް ހަތަރުވަނަ މިނެޓުގައި ސައްޓު ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުންވެސް ސައްޓު ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގައި ސައިނޯސާއިން ޖެހި ނުވަ ވަނަ ލަނޑު މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްދާން އަބްދުއް ސައްތާރެއެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމް ހޯދީ ސައިނޯސާ އެފްސީގެ އިޝާން އިބްރާހިމް (ސައްޓު)އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗެއެވެ. މި މެޗުގައި ބައްދަލުކުރާނީ ވެލާ ސިޓީއާއި ހުސްސޮގުންނެވެ. މި ދެޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ.