އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެސް އޭދަފުށިން ބައިވެރިވާން ނިންމައިފި އެވެ.

އަންނަ ސެޕްޓެމްބަރު 1 ގައި ފަށާ މި މުބާރާތުގައި އޭދަފުށިން ބައިވެރިވާނީ މިރަށުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ކްލަބް އޭދަފުށީގެ ނަމުގައެވެ.

ކްލަބް އޭދަފުށިން ބުނި ގޮތުގައި މި މުބާރާތުގައި އޭދަފުށީ ތަމްސީލް ކުރާ ޓީމެއް ބައިވެރިކުރުމުގެ މަގުސަދަކީ އޭދަފުއްޓަށް ފުޓްބޯޅައިގައި ލިބިފައިވާ ނަން ދެމެހެއްޓުމާއި، ރަށުގެ ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ޒުވާން ކުޅުންތެރިން މިފަދަ މުބަރާތްތަކަށް ނެރުމެވެ.

މި މުބާރާތުގައި ކްލަބް އޭދަފުއްޓަށް ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިން މާދަމާގެ ކުރިން 9731111 ނުވަތަ 7880576 އާ ގުޅައި ނަންނޯޓް ކުރުމަށް ކްލަބު އޭދަފުށިން އެދެއެވެ. އަދި މިކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާތީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ކްލަބުންވަނީ އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ތ. ތިމަރަފުށިންނެވެ. 2016 ވަނަ އަހަރު އޭދަފުށިން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު އޭދަފުށީ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭދަފުއްޓަކީ ފުޓްބޯޅައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް މި ވަގުތު ބަލާލިޔަސް އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ނެގޭނެ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ އެވެ.

ސަރަހައްދީ ޗެމްޕިއަންކަން ފުޓްބޯޅައިން ރާއްޖެ އަށް ލިބުނު ދެ ފަހަރުގައި ވެސް އޭދަފުށީގެ ދައުރު ބޮޑެވެ. އެންމެފުރަތަމަ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު، ހުރިހާ މެޗެއްގެ ފުރަތަމަ 11 ގައި އޭދަފުށީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖަމީލާއި މުހައްމަދު ޝިފާން (ކުޑައްޓެ) ހިމެނުނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.