ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅުގެ ތިން ރަށަކުން ބައިވެރިވެއްޖެ

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު ބ. އަތޮޅުގެ ތިން ރަށަކުން ބައިވެރިވެއްޖެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މިފަހަރުގެ މުބާރާތުގައި މި އަތޮޅުން ބައިވެރިވީ އޭދަފުއްޓާއި ތުޅާދޫ އަދި ހިތާދޫ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ބައިވެރިވި އިރު ބ. އަތޮޅު މެޗުތަކުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހު ވަނީ ބާއްވާފަ އެވެ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ވާދަކުރާނީ ތުޅާދޫ އާއި ހިތާދޫ އެވެ. މި އަތޮޅުގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 އަދި 27 ވަނަ ދުވަހު އެވެ. 25 ވަނަ ދުވަހުގެރޭ ހިތާދޫއާ އޭދަފުށި ވާދަކުރާއިރު ފަހު މެޗުގައި 27 ވަނަ ދުވަހުގެރޭ އޭދަފުއްޓާ ތުޅާދޫ ވާދަކުރާނެ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުށި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ހިތާދޫ އާއި ތުޅާދޫ އަދި ކުޑަރިކިލާ ވާދަކޮށް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. 2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ހިތާދޫ އެވެ. 2016 ވަނަ ތ. ތިމަރަފުށިން މި މުބާރާތް ކާމިޔާބުކުރިއިރު 2017 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާލެ މާފަންނު ޓީމެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ލ. ގަން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރު ނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.