ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް ދަ ބިގިނާސް ބ. އެޓޯލް ޔުނިޓީ ފުޓްސަލް މުބާރާތް ވެސްޓިން މޯލްޑިވްސް އާއި ފޯސީޒަންސް އެޓް ލަނޑާގިރާވަރު މެޗުން އަންނަ ހޮނިހިރު ދުވަހު ފަށާނެ އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިހަ ޓީމަކުންނެވެ. ގުރުނެގުމަށް ރޭ އޭދަފުށީ ވައިޓް ބައި 8 އެސް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ ދިހަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ ދުސިތު އާއި މިލައިދޫ އަދި ފެއިމްސް ޔުނައިޓެޑެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން އިރުމަތީ ލަވާސް، ނައުޓިލަސް، ޔުނައިޓެޑް ވީ، ޓީމް މާޅޮސް އަދި ދަރަވަންދޫ ކިންގްސް ޔުނައިޓެވެ.
މިއީ ދަ ބިގިނާސް އިން މި މުބާރާތް ބާއްވާ 6 ވަނަ އަހަރެވެ. މުބާރާތް އޮންނާނީ ސެޕްޓެމްބަރ 7 އިން 20 އަށް އޭދަފުށީ ފުޓްބޯޅަ ދަނޑު (ވެލި ދަނޑު) ގައެވެ.