ގައުމީ ޓީމާ އެކު ނުދިޔުމުން ސެންޓޭ އަށް ބޮޑު ޖޫރިމަނާއެއް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު، އަމިއްލަ ސަބަބެއްގައި ނުދިއުމުން ބ. އޭދަފުއްޓަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.

ސެންޓޭގެ އިތުރުން އަހުމަދު ރިޒުވާން (ރިޒޭ)ވެސް މިގޮތަށް އަމަލުކުރުމުން ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ރިޒޭ އާއި ސެންޓޭ، ކޮންމެ ކުޅުންތެރިއަކު 50،000 ރ. އިން ޖޫރިނަމާކުރުމަށެވެ. އަދި މި ފައިސާ ނުދައްކަނީސް އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި މި ކުޅުންތެތިންނަށް ނުކުޅެވޭނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

ގުއާމަށް ދިއުމަށް އެމެރިކާ ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. އެ ގައުމުގައި ކޭމްޕް ކުރުމަށް މިދިޔަ މަހު 13 ވަނަ ދުވަހު ގައުމީ ޓީމު ފުރިއިރު، އެ ދުވަހު ސެންޓޭ އާއި ރިޒޭ ޓީމާ އެކު ދާން އޮތް ނަމަވެސް އެ ދެ ކުޅުންތެރިން ނުދެ އެވެ. އެފްއޭއެމުން އެ ދުވަހު ބުނީ އެ ދެ ކުޅުންތެރިން އަމިއްލަ ސަބަބަކާ ހުރެ ޓީމާ އެކު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

ގުއާމް މެޗަށް ވިސާ ޖެހުމަށް ގައުމީ ޓީމު ސްރީލަންކާއަށް ފުރިއިރު، ސެންޓޭ ހުރީ އޭނާގެ އީދު ބަންދުގައި އޭދަފުށީގައި ކުރިއަށްދިޔަ ފުޓްބޯޅަ މުބާރާތެއް ކުޅުމަށެވެ. ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ސެންޓޭ އަކީ ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ. އަދި މެދުކެނޑުމަކަށް ފަހު ރިޒޭ އަލުން ގައުމީ ޓީމުގައި ހިމެނުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.