ގޯލްޑެން ފުޓްސަލްގައި އޭދަފުއްޓާއި ހިތާދޫގެ ވާދަވެރި ކުރިމަތިލުން މިރޭ

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގައި އޭދަފުއްޓާއި ހިތާދޫ ވާދަކުރާ މެޗު މިރޭ ކުޅޭނެ އެވެ. ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ 9:15 ގަ އެވެ.

ބ. އަތޮޅުން މި އަހަރުގެ މުބާރާތުގައި ބައިވެރިވީ މި ދެ ރަށުގެ އިތުރުން ތުޅާދޫ އެވެ. ފުރަތަމަ މެޗުގައި ހިތާދޫ ވަނީ 5-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. މިރޭ އޭދަފުށި ބަލިކޮށްފި ނަމަ އަތޮޅު ޗެމްޕިއަންކަން ލިބޭނީ ހިތާދޫއަށެވެ. އެކަމަކު މެޗު އެއްވަރުވެ ނުވަތަ އޭދަފުށި މޮޅުވެއްޖެ ނަމަ އަތޮޅު ޗެމްޕިއަންކަން ކަށަވަރުވާނީ އަންނަ ހޮނިހިރު ދުވަހުގެރޭ އޭދަފުއްޓާއި ތުޅާދޫ ބައްދަލުކުރާ މެޗަށްފަހު އެވެ.

އަތޮޅު ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ އޭދަފުއްޓެވެ. މިދިޔަ އަހަރުގެ އަތޮޅު ބުރުގައި ހިތާދޫއާ އޭދަފުށި ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަތޮޅު މުބާރާތުގައި އޭދަފުއްޓާއި ހިތާދޫގެ އިތުރުން މިދިޔަ އަހަރު ބައިވެރިވީ ކުޑަރިކިލާއި ތުޅާދޫ އެވެ. އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދިއިރު ގޯލުގެ ތަފާތުން ހިތާދޫއަށް ލިބުނީ ދެ ވަނަ އެވެ. ތިން ވަނަ ތުޅާދޫއަށް ލިބުނުއިރު މިދިޔަ އަހަރު ފުލަށް ދިޔަ ކުޑަރިކިލު މިފަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

66 ޓީމުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާއިރު އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ މެޗަކީ އެންމެ ވާދަވެރިވާނެ އެއް މެޗެވެ. މުބާރާތް ކާމިޔާބު ކުރެވޭ ފެންވަރުގެ ކުޅުންތެރިން ތިބި މި ދެރަށުގެ ތެރެއިން މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބޭނީ ކޮންމެވެސް އެއް ޓީމަކަށެވެ. އެހެންވެ މުބާރާތުގައި ކުރިއަށް ދިއުމަށް މި ދެޓީމަށް ވެސް އެންމެ އުނދަގޫވާނެ އެއް މެޗަކީ މިރޭގެ މެޗެވެ.

ހިތާދޫ އަކީ 2015 ވަނަ އަހަރު ބޭއްވި ގޯލްޑެން ފުޓްސަލްގެ ފުރަތަމަ ޗެމްޕިއަނުންނެވެ. އެކަމަކު އޭގެފަހުން އެޓީމަށް ތައްޓާ ހިސާބަށް ދެވިފައެއްނުވެ އެވެ. 2017 ވަނަ އަހަރުގެ ހިތާދޫ ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދީ ތުޅާދޫ އެވެ.

އޭދަފުށިން ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ފުރަތަމަ ބައިވެރިވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަތޮޅު ޗެމްޕިއަންކަން ހޯދައި ރ. އަލިފުށި އަތުން ބަލިވެ ޒޯން ބުރުން އޭދަފުއްޓަށް ލިބުނީ ދެ ވަނަ އެވެ. ޒޯން ބުރުގައި އޭދަފުށިން ދެ ވަނަ ހޯދީ ނ. މާފަރު ބަލިކޮށްގެންނެވެ. ޒޯން ރަނަރަޕަށް ގަދަ 16 އިން ފުރުސަތު ލިބުމާއެކު އެ ބުރުގައި އޭދަފުށި ވަނީ ދިއްގަރު ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކުއާޓާގައި ހދ. ނައިވާދޫ ބަލިކުރިއިރު ސެމީ ފައިނަލުގައި އޭދަފުށި ބަލިވީ ޕެނަލްޓީ ޖަހައިގެން މާލެ މާފަންނު އަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ލ. ގަން ބަލިކޮށް ހޯދީ މާފަންނު އެވެ.
މިރޭގެ މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަށް ދެޓީމުން ވެސް އެދެ އެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.