މޮޅުވާން މަޖުބޫރު މެޗަކަށް އޭދަފުށި މިރޭ ތުޅާދުއާ ދެކޮޅަށް ނުކުންނަނީ

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގައި ތުޅާދޫ ބަލިކުރަން މަޖުބޫރު މެޗަކަށް ނުކުންނަން އޭދަފުށި ތައްޔާރުވެއްޖެ އެވެ. އަތޮޅު ބުރުގެ ފަހު މެޗު މިރޭ ކުޅޭއިރު ޗެމްޕިއަންކަން ކަނޑައެޅޭނީ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން މި އަހަރުގެ މުބާރާތުގައި ބ. އަތޮޅުން ވާދަކުރަނީ ހިތާދޫ އެވެ. ހިތާދޫ ޓީމުން ދެ މެޗު ވެސް ކުޅެފައިވާއިރު އެޓީމު އޮތީ ތިން ޓީމު ހިމެނޭ އަތޮޅު ބުރުގެ އެއް ވަނައިގަ އެވެ. އެއް ޕޮއިންޓާ އެކު އޭދަފުށި އެއް ވަނައިގައި އޮތް ފުރަތަމަ މެޗުގައި ހިތާދޫ އަތުން ބަލިވި ތުޅާދޫ މިހާރު އޮތީ މުބާރާތުން ކަޓައިފަ އެވެ..

އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި ހިތާދޫ ވަނީ 5-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އޭދަފުއްޓާއި ހިތާދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ތިން ޕޮއިންޓާއި ފައިދާ ހަތަރު ގޯލާ އެކު ހިތާދޫ އެއް ވަނައިގައި އޮތްއިރު އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ކަށަވަރުކުރަން ބޭނުންނަމަ މިރޭ ފަސް ގޯލުގެ ތަފާތަކުން ތުޅާދޫ ބަލިކުރަން ޖެހޭނެ އެވެ. އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗު 5-1 އިން ނިމިއްޖެ ނަމަ އަތޮޅު ޗެމްޕިއަންކަން ކަނޑައަޅާނީ ހިތާދޫއާ އޭދަފުއްޓާ ދެމެދު ގުރަކަށް ގޮސްގެންނެވެ. އޭދަފުއްޓަށް އަތޮޅު ފައިނަލް ޔަގީން ވާނެ ގޮތަކީ 5-0 ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރުމެވެ.
މި މުބާރާތުގެ މިދިޔަ އަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ރަނަރަޕް ހޯދައި އޭދަފުށި ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އަތޮޅު ބުރުގައި އޭދަފުށި މިދިޔަ އަހަރު ޗެމްޕިއަންކަން ހިތާދޫގެ މައްޗަށް ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އޭދަފުއްޓާއި ހިތާދޫ އަދި ތުޅާދޫގެ އިތުރުން މިދިޔަ އަހަރު އަތޮޅު ބުރުގައި ބައިވެރިވީ ކުޑަރިކިލެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ހިތާދޫ އެވެ. އެކަމަކު ފުޓްސަލްގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ހިތާދޫއަށް އޭގެފަހުން މުބާރާތުގައި ތައްޓާ ހަމައަށް ދެވިފައެއްނުވެ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ޒޯން ދޭއްގައި ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އާއި ނ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމު ހޮޅުދޫއާ އެވެ. ތުޅާދޫ އާއި އޭދަފުށި ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.