ބޮޑު ތަފާތަކުން ތުޅާދޫ ބަލިކޮށް އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ބޮޑު ތަފާތަކުން ތުޅާދޫ ބަލިކޮށް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ. ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ ބ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ރޭ ކުޅުނު މެޗުގައި ތުޅާދޫ 8-1 އިން ބަލިކޮށް ފައިދާ ގޯލުގެ ތަފާތުން ހިތާދޫއަށް ވުރެ ކުރި ހޯދައިގެންނެވެ.

ރޭގެ މެޗަށް ނުކުތްއިރު އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޭދަފުއްޓަށް އޮތީ މަދުވެގެން ފަސް ގޯލުގެ ތަފާތުން ތުޅާދޫ ބަލިކޮށްގެންނެވެ. އެކަމަކު ބޮޑު ތަފާތަކުން ތުޅާދޫގެ މައްޗަށް ކުރި ހޯދިއިރު އޭދަފުށިން ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅޭ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށިން ވަނީ ހަ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނަ ހާފުގައި އިތުރު ކުޅުންތެރިންނަށް ފުރުސަތުދީގެން ކުޅުނު އޭދަފުށިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މެޗުގައި އޭދަފުށީގެ އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓުގެ އިތުރުން މެޗުގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭދަފުށީގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހާފިޒް އަހުމަދު އެވެ. ތުޅާދޫގެ ހަމައެކަނި ގޯލު މެޗު ނިމެން އުޅެނިކޮށް ޖެހީ އަބްދުﷲ އަފާފް އެވެ.

ބ. އަތޮޅު ބުރުގެ ކުޅުން ނިމުނުއިރު އޭދަފުށި އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާއި ފައިދާ ހަތް ގޯލާއެކު އެވެ. ދެ ވަނަ ލިބުނު ހިތާދޫއަށް ލިބުނީ ހަތަރު ޕޮއިންޓާއި ފައިދާ ހަތަރު ގޯލެވެ. ފުލަށްދިޔަ ތުޅާދޫއަށް ޕޮއިންޓެއް ލިބިފައިނުވާއިރު އެޓީމު އޮތީ ގެއްލުން 11 ގޯލުގަ އެވެ. އަތޮޅު ބުރުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ ސައްޓު އެވެ. ސައްޓު ވަނީ އަތޮޅު ބުރުގައި ކުޅުނު ދެ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ އަހަރު އޮތް މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސޮބީ އެވެ.

މިދިޔަ އަހަރު ވެސް އަތޮޅު ޗެމްޕިއަންކަން އޭދަފުށި ކަށަވަރުކުރީ ހިތާދޫގެ މައްޗަށް ފައިދާ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އޭދަފުށިން ވަނީ މިދިޔަ އަހަރުގެ އަތޮޅު ޗެމްޕިއަންކަމުގެ އިތުރުން ޒޯން ރަނަރަޕް ކަން ހޯދައި މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފަ އެވެ. ސެމީއާ ހަމައަށް އޭދަފުށި ދަތުރުކުރީ މ. ދިއްގަރާއި ހދ. ނައިވާދޫ ބަލިކޮށްގެންނެވެ. އެކަމަކު ފުރަތަމަ ފަހަރުގައި މުބާރާތުގައި ބައިވެރިވި އޭދަފުށި ވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވެ ކަޓައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާފަންނު ހޯދީ ފައިނަލުގެ ލ. ގަން ބަލިކޮށްގެންނެވެ. ބ. އަތޮޅުން މި މުބާރާތް ކާމިޔާބުކުރި ހަމައެކަނި ރަށަކީ ހިތާދޫ އެވެ. އެރަށުން ވަނީ ގޯލްޑެން ފުޓްސަލްގެ ފުރަތަމަ މުބާރާތް 2015 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަންކަން ހޯދި އޭދަފުށި ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ. ޒޯން ދޭއްގައި ހިމެނެނީ ނ، ރ، އަދި ބ، އަތޮޅެވެ. އޭދަފުއްޓާ އެކު ޒޯން ބުރުގައި ވާދަކުރާނީ ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިނގުރައިދޫ އާއި ނ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ރަށް ކަމަށްވާ ހޮޅުދޫ އެވެ.

އޭދަފުށީ ފުޓްސަލް ޓީމު މި އަހަރު ހިންގުމުގައި ހަރަކާތްތެރިވަނީ ޔުނައިޓެޑް ވީ އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.