ޒޯން ބުރުގައި އޭދަފުށި މިރޭ އިނގުރައިދޫއާ ދެކޮޅަށް، ޓީމަށް ބޭނުންވަނީ ސަޕޯޓް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި ފުޓްސަލް ޓީމް މިރޭ ރ. އިނގުރައިދޫ ފުޓްސަލް ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ.

ޒޯން ދޭއްގައި ހިމެނޭ މި ދެރަށުގެ ވާދަވެރި މެޗު މިރޭ ކުޅޭއިރު އޭދަފުށީ ޓީމުން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ ރަށު ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ދިއުމަށެވެ.

އޭދަފުށީ ފުޓްސަލް ޓީމުގެ އިސް އޮފިޝަލަކު “އީޓީ” އާ ވާހަކަދައްކަމުން ބުނީ މި އަހަރު މުބާރާތުގެ ވާދަވެރިކަން އިތުރަށް ބޮޑުވުމާއެކު ކޮންމެ ރަށެއްވެސް ކުރިއަށްދަނީ ސަޕޯޓަރުންގެ އެހީތެރިކަމާއިއެކުގައި ކަމަށާއި، މުބާރާތުގައި ކުރިއަށް ދިއުމަށް މިރޭގެ މެޗަކީ އޭދަފުއްޓަށް އެންމެ މުހިއްމު މެޗު ކަމަށެވެ.

“މިހާތަނަށް ދިން ސަޕޯޓަށް ޝުކުރު އަދާކުރަން. އެކަމަކު މިރޭ މިއޮތީ މުބާރާތުގައި ކުރިއަށްދާން ބަލާއިރު އެންމެ ބޮޑު މެޗު. މުޅި ޓީމާއި ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް ރަށާއި ރަށަށް ހެޔޮއެދޭ ސަޕޯޓަރުން އައިސް ދަނޑު ފުރާލައި ޓީމަށް ތަރުހީބު ދިނުން” ޓީމުގެ އޮފިޝަލް ބުންޏެވެ.

ޒޯން ބުރަށް އޭދަފުށި ކޮލިފައިވީ އަތޮޅު ބުރުގައި ހިތާދޫއާ 2-2 އިން އެއްވަރުކޮށް 8-1 ގެ ބޮޑު ތަފާތަކުން ތުޅާދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަތޮޅު ޗެމްޕިއަންކަން އޭދަފުއްޓަށް ކަށަވަރުވީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ހިތާދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. ބ. އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭދަފުށީ ޓީމު ޒޯން ބުރާ ކުރިމަތިލާއިރު ވަނީ އިތުރު ބަދަލުތައް ގެނެސް ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ އިނގުރައިދޫ އަކީ ރާއްޖޭގެ ފުޓްސަލް ކިންގް އަލީ ހާފިޒް (ހާއްޕެ) ނިސްބަތްވާ ރަށެވެ. ހާއްޕެއާ އެކު އެރަށުން އަތޮޅު ޗެމްޕިއަންކަން ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި 9-1 ގެ ބޮޑު ތަފާތަކުން މާކުރަތު ބަލިކުރިއިރު ފަހު މެޗުގައި އެރަށުން ވަނީ މިދިޔަ އަހަރު އަތޮޅާއި ޒޯން ޗެމްޕިއަންކަން ހޯދި އަލިފުށި ޓީމް 3-1 އިން ބަލިކޮށްފަ އެވެ. ޒޯން ބުރަށް އިނގުރައިދޫ ދަތުރުކުރިއިރު އަތޮޅު ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެރަށުގެ ހާއްޕެ އެވެ.

ޒޯން ދޭއްގައި މި ދެރަށުގެ އިތުރުން ދެން ހިމެނެނީ ނ. ހޮޅުދޫ އެވެ. މިރޭގެ މެޗަށް ފަހު ޒޯންގެ ދެ ވަނަ މެޗުގައި އިނގުރައިދޫ އާއި ހޮޅުދޫ ވާދަކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. ޒޯން ދޭއްގެ ފަހު މެޗުގައި އޭދަފުއްޓާއި ހޮޅުދޫ ވާދަކުރާނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެ އެވެ.

ޒޯންގައި ހިމެނޭ ތިން ރަށުގެ ތެރެއިން އޭދަފުށި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި މާފަންނު އަތުންނެވެ. އިނގުރައިދޫ ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގައި އަލިފުއްޓާ ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުގެ އެގްރިގޭޓުން ބަލިވެ ކަޓައިފަ އެވެ. އެކަމަކު މި އަހަރު އަލިފުށީގެ ކިބައިން ބަދަލުހިފައި އެރަށުން އަތޮޅު ޗެމްޕިއަންކަން ކަށަވަރުކުރި އެވެ. މި އަހަރުގެ މުބާރާތުގެ ޒޯން ބުރުން ނ. ހޮޅުދޫއަށް ފުރުސަތު ލިބުނީ ނ. އަތޮޅުން އެހެން ރަށަކުން ބައިވެރިވުނުވުމުންނެވެ. މިއީ މި މުބާރާތުގައި ހޮޅުދޫން ބައިވެރިވި ފުރަތަމަ އަހަރެވެ. ތިން ރަށުގެ ތެރެއިން ގަދަ 16 އިން ފުރުސަތު ލިބޭނީ އެންމެ ކުރި ހޯދާ ދެ ރަށަށެވެ.

ޒޯން ދޭއްގައި އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 21:15 ގައި މުބާރާތް ކުރިއަށްދާ ހުޅުމާލޭ ފުޓްސަލް ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.