އޭދަފުށިން ފަހަތުން އަރައި އިނގުރައިދޫއާ އެއްވަރުކޮށްފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގައި ރޭ ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ގޯލުތަކުން ރ. އިނގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗު އޭދަފުށިން އެއްވަރުކޮށްފި އެވެ. ރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ.

ފޯރިގަދަވާނެ ކަމަށް ކުރިންވެސް ބެލެވުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެވެ. މެޗު ފަށައިގެން އޭދަފުއްޓަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އިނގުރައިދޫން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި ލީޑު ނަގައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު ޖަހައިދިނީ އަލީ ފާތިހު އެވެ. ހުސްކޮށް ހުރެ ފާތިހު ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިނގުރައިދޫގެ ކުޅުންތެރިއެއް ކައިރިން ކަޓުވާލުމަށް ފަހު ސައްޓު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ. މެޗު އެއްވަރުވެފައި އޮއްވައި އިނގުރައިދޫން ވަނީ ފުރަތަމަ ހާފުގެ ފަހު ވަގުތު އިތުރު ގޯލެއް ޖަހައި މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ މަޑުމަޑުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުގެ ގައިގައި ޖެހިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން ކުރިއަށް ޖެހިގެން ކުޅުނު އިރު ކައުންޓަ އެޓޭކުގައި އިނގުރައިދޫއަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. އިނގުރައިދޫގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. މިއީ ކައުންޓަ އެޓޭކެއްގައި އެޓީމުން ޖެހި ގޯލެކެވެ. ދެ ގޯލުގެ ލީޑެއް ލިބުމުން އިނގުރައިދޫން މެޗުގެ ބާކީ ބައި ކުޅުނީ ލީޑުގައި އޮވެ މެޗު ނިންމާލުމަށެވެ. އެކަމަކު އޭދަފުށިން ކުރިއަށްޖެހި ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. އޭދަފުއްޓަށް ފަހު ދެގޯލު ޖަހައިދީ މެޗު އެއްވަރުކޮށްދިނީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. އަތޮޅު ބުރަށް ފަހު އޭދަފުށީ ޓީމަށް އިތުރު ކުރި އަލީ ފާސިރު (ސެންޓޭ) ދިން ބޯޅަ ހޯދުމަށް ފަހު ސޮބީގެ ފުރަތަމަ ގޯލު ފޮނުވާލީ ގޯލުގެ މެދަށެވެ. ސޮބީ ގޯލު ޖެހިއިރު އިނގުރައިދޫގެ ޑިފެންޑަރަކާއި ގޯލްކީޕަރު އެބޯޅަ ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ސޮބީގެ ގޯލަށް ފަހު މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ސައްޓު އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެކަމަކު މެޗުގެ ފަހު ސިކުންތުގައި އޭދަފުއްޓަށް ޕޮއިންޓެއް ކަށަވަރުވީ ސޮބީ ވައްދާލި ހިތްގައިމު ގޯލަކުންނެވެ. ދަނޑުގެ މެދުން އުންޑައެއްހެން ސޮބީ ފޮނުވާލި ބާރު ބޯޅަ ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލަށް ފަހު ސޮބީ އުފާފާޅުކުރި ގޮތުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑު ދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގެ ހާއްޕެ އެވެ.

ޒޯން ދޭއްގައި މި ދެރަށުގެ އިތުރުން ވާދަކުރަނީ ހޮޅުދޫ އެވެ. މި ޒޯނުގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ އާއި އިނގުރައިދޫ އެވެ. މި މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ 10:15 ގަ އެވެ. ޒޯން ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ހޮޅުދޫ ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. މި މެޗު ފަށާނީ 10:15 ގަ އެވެ. ޒޯން ބުރުގެ ގަދަ ދެ ޓީމަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.