ޒޯންގެ ފަހު މެޗުގައި އޭދަފުށި މިރޭ ހޮޅުދޫއާ ދެކޮޅަށް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގެ ފަހު މެޗުގައި އޭދަފުށީ ފުޓްސަލް ޓީމު މިރޭ ނ. ހޮޅުދޫ ފުޓްސަލް ޓީމާއި ދެކޮޅަށް ނުކުންނާނެ އެވެ.

ޒޯން ދޭއްގައި އޭދަފުއްޓާއި ހޮޅުދޫގެ އިތުރުން ހިމެނެނީ ރ. އިނގުރައިދޫ އެވެ. މި ތިން ޓީމުގެ ތެރެއިން އިނގުރައިދޫ ވަނީ ޒޯން ބުރުގެ ދެ މެޗު ވެސް ކުޅެ ހަތަރު ޕޮއިންޓާއެކު ފައިނަލް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޒޯންގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރި މެޗު 3-3 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި އިނގުރައިދޫ ވަނީ 5-2 އިން ހޮޅުދޫ ބަލިކޮށްފަ އެވެ.
ޒޯން ދޭއްގެ އެއް ވަނައިގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ އިނގުރައިދޫ އެވެ. ދެ ވަނައިގައި އެއް ޕޮއިންޓާއެކު އޭދަފުށި އޮތްއިރު ޕޮއިންޓެއް ނުލިބި ހޮޅުދޫ އޮތީ ފުލުގަ އެވެ. މިރޭގެ މެޗުގެ ނަތީޖާއިން ޒޯން ޗެމްޕިއަންކަން ކަށަވަރުވެ ފައިނަލް ބުރުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ.

މިރޭގެ މެޗުން މޮޅުވެ ނުވަތަ އެއްވަރުކޮށްލައިގެން ވެސް ފައިނަލް ބުރުން އޭދަފުއްޓަށް ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުން އޭދަފުއްޓަށް ފުރުސަތު ގެއްލޭނެ ހަމައެކަނި ގޮތަކީ މިރޭގެ މެޗުން ބަލިވުމެވެ. އޭރުން އިނގުރައިދޫއާ އެކު ފައިނަލް ބުރަށް ހޮވޭނީ ހޮޅުދޫ އެވެ. އޭދަފުއްޓަށް ޒޯން ޗެމްޕިއަންކަން ލިބޭނީ ހަތަރު ގޯލު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން ހޮޅުދޫ ބަލިކޮށްގެންނެވެ.

ޒޯން ބުރުގެ މެޗުތައް މިރޭ ނިމުމުން ފައިނަލް ބުރުގެ ގަދަ 16 ގައި ވާދަކުރާ ހުރިހާ ޓީމެއް ޔަގީންވެގެންދާނެ އެވެ. އޭދަފުށި ފައިނަލް ބުރަށް ހޮވިއްޖެ ނަމަ ގަދަ 16 ގައި މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ކުޅޭނެ އެވެ.

މިރޭގެ މެޗަށް ވެސް ވީހާވެސް ގިނަ ސަޕޯޓަރުން ހުޅުމާލެއަށް ގޮސް ޓީމަށް ތަރުހީބު ދިނުމަށް ޓީމުން އެދެއެވެ.

މިދިޔަ އަހަރު އޭދަފުށި ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި އޭދަފުށި ބަލިވީ ޗެމްޕިއަން މާފަންނާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. އޭދަފުއްޓާއި ހޮޅުދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 10:15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.