އޭދަފުށި – ހޮޅުދޫ މެޗު މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފި

ހުޅުމާލެއަށް މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ކުޅެން ހަމަޖެހިފައިވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ހުރިހާ މެޗެއް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ކެންސަލްކޮށްފި އެވެ. މިރޭގެ 10:15 ގައި ޒޯން ދޭއްގައި އޭދަފުއްޓާއި ނ. ހޮޅުދޫ ވާދަކުރާގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު މި މެޗުގެ އިތުރުން މިރޭ ކުޅެން ހަމަޖެހިފައިވާ އަނެއް ފަސް މެޗު ވެސް މިހާރު ކުޅެން ހަމަޖައްސާފައިވަނީ މާދަމާ ރެ އެވެ.

ޒޯން ދޭއްގައި އޭދަފުއްޓާއި ހޮޅުދޫގެ އިތުރުން ހިމެނެނީ ރ. އިނގުރައިދޫ އެވެ. މި ތިން ޓީމުގެ ތެރެއިން އިނގުރައިދޫ ވަނީ ޒޯން ބުރުގެ ދެ މެޗު ވެސް ކުޅެ ހަތަރު ޕޮއިންޓާއެކު ފައިނަލް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޒޯންގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރި މެޗު 3-3 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި އިނގުރައިދޫ ވަނީ 5-2 އިން ހޮޅުދޫ ބަލިކޮށްފަ އެވެ.
ޒޯން ދޭއްގެ އެއް ވަނައިގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ އިނގުރައިދޫ އެވެ. ދެ ވަނައިގައި އެއް ޕޮއިންޓާއެކު އޭދަފުށި އޮތްއިރު ޕޮއިންޓެއް ނުލިބި ހޮޅުދޫ އޮތީ ފުލުގަ އެވެ. މާދަމާ ރޭގެ މެޗުގެ ނަތީޖާއިން ޒޯން ޗެމްޕިއަންކަން ކަށަވަރުވެ ފައިނަލް ބުރުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ.

މާދަމާރޭގެ މެޗުން މޮޅުވެ ނުވަތަ އެއްވަރުކޮށްލައިގެން ވެސް ފައިނަލް ބުރުން އޭދަފުއްޓަށް ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުން އޭދަފުއްޓަށް ފުރުސަތު ގެއްލޭނެ ހަމައެކަނި ގޮތަކީ މާދަމާ ރޭގެ މެޗުން ބަލިވުމެވެ. އޭރުން އިނގުރައިދޫއާ އެކު ފައިނަލް ބުރަށް ހޮވޭނީ ހޮޅުދޫ އެވެ. އޭދަފުއްޓަށް ޒޯން ޗެމްޕިއަންކަން ލިބޭނީ ހަތަރު ގޯލު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން ހޮޅުދޫ ބަލިކޮށްގެންނެވެ. އެނޫން ނަތީޖާއެއް ނުކުމެއްޖެ ނަމަ ޒޯން ޗެމްޕިއަންކަން ލިބޭނީ އިނގުރައިދޫއަށެވެ.

ޒޯން ބުރުގެ މެޗުތައް މާދަމާ ރޭ ނިމުމުން ފައިނަލް ބުރުގެ ގަދަ 16 ގައި ވާދަކުރާ ހުރިހާ ޓީމެއް ޔަގީންވެގެންދާނެ އެވެ. އޭދަފުށި ފައިނަލް ބުރަށް ހޮވިއްޖެ ނަމަ ގަދަ 16 ގައި މެޗު ކުޅެން ހަމަޖެހިފައި އޮތީ ހުކުރު ދުވަހު އެވެ. އެކަމަކު މިރޭގެ މެޗުތައް ކެންސަލްވުމުން ޝެޑިއުލަށް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު އޭދަފުށި ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި އޭދަފުށި ބަލިވީ ޗެމްޕިއަން މާފަންނާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. މިއަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.