ހޮޅުދޫ ބަލިކޮށް އޭދަފުށި ޒޯން ޗެމްޕިއަންކަން ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ދޭއްގައި ރޭ ކުޅުނު ފަހު މެޗުގައި 8-0 ގެ ބޮޑު ތަފާތަކުން ނ. ހޮޅުދޫ ބަލިކޮށް އޭދަފުށި ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ރޭގެ މެޗުން ހޯދި މޮޅާއެކު އޭދަފުއްޓަށް ޗެމްޕިއަންކަން ކަށަވަރުވީ ދެ ވަނަ ލިބުނު ރ. އިނގުރައިދޫ އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުން ކުރި ލިބުމުންނެވެ. މި ޒޯނުގެ ފުލަށް ދިޔައީ ދެ މެޗުން ވެސް ބަލިވި ހޮޅުދޫ އެވެ.

ރޭގެ މެޗުގައި އޭދަފުށީގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އާއި ހަމްދާން އަބްދުއްސައްތާރް ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭދަފުށީގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ އޭދަފުއްޓަށް ލިބުނީ ޒޯން ބުރުގެ ދެ ވަނަ އެވެ. އެފަހަރު ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި ވަނީ ރ. އަލިފުށި އަތުން ބަލިވެފަ އެވެ. މިފަހަރު ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރަށް އޭދަފުށި ކޮލިފައިވިއިރު އަތޮޅު ބުރުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ތުޅާދޫ 8-1 އިން ބަލިކޮށް ފައިދާ ގޯލުގެ ތަފާތުން ހިތާދޫއަށްވުރެ ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލް ބުރަށް 15 ޓީމެއް ކޮލިފައިވެފައިވާއިރު ގަދަ 16 ގެ މެޗުތައް މާދަމާ ރޭ ފަށާނެ އެވެ. ގަދަ 16 ގައި އޭދަފުށި ނުކުންނާނީ ހދ. ނައިވާދޫއާ ދެކޮޅަށެވެ. ނައިވާދޫއަކީ ޒޯން އެކެއްގެ ރަނަރަޕް ޓީމެވެ. މި މެޗު ފަށާނީ މާދަމާ ރޭ 8:15 ގަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އޭދަފުށި ވަނީ ނައިވާދޫއާ ދެކޮޅަށް ކުޅެފަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ނައިވާދޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އޭދަފުށި ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. އެކަމަކު ސެމީގައި އޭދަފުށި ވަނީ ޕެނަލްޓީ ޖަހައިގެން މާފަންނު އަތުން ބަލިވެފަ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. ގަދަ 16 ގެ މެޗުތައް މާދަމާ ރެޔާއި އާދީއްތަ ދުވަހުގެރޭ ކުޅޭއިރު ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް 17 ވަނަ ދުވަހުގެރޭ ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.