ސަޕޯޓަރުން އައިސް ދަނޑު ފުރާލަދީ: އޭދަފުށީ ފުޓްސަލް ޓީމް

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި އޭދަފުށީ ފުޓްސަލް ޓީމް މިރޭ ހދ. ނައިވާދޫއާ ދެކޮޅަށް ނުކުންނައިރު، ސަޕޯޓަރުން އައިސް ދަނޑު ފުރާލަ ދިނުމަށް ފުޓްސަލް ޓީމުން އެދެފި އެވެ. ގަދަ 16 ގެ މެޗުގައި އޭދަފުއްޓާއި ނައިވާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަދައްކަމުން ފުޓްސަލް ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު (ސައްލެ) ބުނީ ސަޕޯޓަރުންގެ އެހީ މި މެޗުގައި ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އިދިކޮޅުން ނުކުންނަ ނައިވާދޫއަކީ ވަރުގަދަ ޓީމަކަށް ވެފައި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން އޮތީމަ ކަމަށެވެ.

“ނުކުންނަން މި ޖެހެނީ ވަރަށް ފޯރީގަ ސަޕޯޓްކުރާ ޓީމަކާ ދެކޮޅަށް. އަނެއްކާ އެއީ ވަރުގަދަ ޓީމެއް. އެހެންވެ މިރޭ އޭދަފުށީ ޓީމަށް އެންމެ މުހިއްމީ ރަށަށް ހެޔޮއެދޭ އެންމެންގެ ސަޕޯޓް. ޓީމުގެ މެނޭޖްމަންޓާ ހާއްސަކޮށް ކުޅުންތެރިން ވަރަށް ބޮޑަށް އެދޭ ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ މެޗު ބަލަން ދަނޑަށް ދިއުމަށް. އަނެއްކާ ހޮނިހިރު ދުވަހެއްގައި ކުޅޭއިރު އޭދަފުއްޓަށް އަބަދު ވެސް ހާއްސަ ވާނެ” ސައްލެ ބުންޏެވެ.

އޭދަފުށި ފައިނަލް ބުރަށް ދަތުރުކުރީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަތޮޅު ބުރުގައި ހިތާދޫއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި އޭދަފުށި ވަނީ 8-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. ޒޯން ބުރުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ރ. އިނގުރައިދޫއާ 3-3 އިން އެއްވަރު ކުރިއިރު ފަހު މެޗުގައި އޭދަފުށިން ވަނީ 8-0 ގެ ބޮޑު ތަފާތަކުން ނ. ހޮޅުދޫ ބަލިކޮށްފަ އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ނައިވާދޫ އަކީ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން ބުރަށް ކޮލިފައިވި ޓީމެކެވެ. ޒޯން އެކެއްގައި ނައިވާދޫ ކުޅުނު ފުރަތަމަ މެޗުގައި ށ. ގޮއިދޫއާ ވާދަކޮށް 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އޭގެފަހުން އެޓީމުން ވަނީ 5-4 އިން ހދ. މަކުނުދޫ ބަލިކޮށް އަދި 4-3 ހއ. އިހަވަންދޫ ބަލިކޮށްފަ އެވެ. އެޓީމު ފައިނަލް ބުރަށް ދަތުރުކުރީ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ގޮއިދޫގެ ފަހަތުން ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މި ދެޓީމު ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މި މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދީ އޭދަފުއްޓެވެ. ސެމީގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވީ މާފަންނު އަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް އޭދަފުށި ދަތުރުކުރީ މ. ދިއްގަރާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 2-0 އިން ކުރި ހޯދައިގެންނެވެ. ނާވައިދޫ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ މެޗުގައި 3-2 އިން އއ. ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާއިރު އޭދަފުއްޓާ ނައިވާދޫ ކުޅޭ މެޗުން މޮޅުވާ ޓީމެއް މި މަހުގެ 15 ވަނަ ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ވާދަކުރާނެ އެވެ. މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.