އޭދަފުށި ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ހދ. ނައިވާދޫ ބަލިކޮށް އޭދަފުށީ ފުޓްސަލް ޓީމް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. ރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު ދެ ވަނަ ބުރުގެ މެޗުގައި ނައިވާދޫގެ މައްޗަށް އޭދަފުށި ކުރީ ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ގޯލެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީގައި 2-1 އިން ނެވެ.

މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ވެސް އޭދަފުށިން ވަނީ 7-3 އިން ނައިވާދޫ ބަލިކޮށްފަ އެވެ. އެކަމަކު މިފަހަރުގެ މެޗުގައި އޭދަފުށި ގޯލެއް ޖެހިޔަނުދީ ނައިވާދޫން ވަނީ ހިފަހައްޓައިފަ އެވެ. މެޗަށް އޭދަފުށިން ނުކުތީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ނުލަ އެވެ. އެނގިފައިވާ ގޮތުގައި ސޮބީ ޓީމާއެކު ބައިވެރިނުވީ ބަލިވުމުގެ ސަބަބުންނެވެ. އެކަމަކު ކުއާޓާ ފައިނަލް މެޗުގައި ސޮބީ ކުޅޭނެކަމަށް ބެލެވެ އެވެ. އޭދަފުށިން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދިއިރު ސޮބީ ވަނީ މޮޅު ކުޅުމެއް ދައްކައި ފަސް ގޯލާއެކު ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ރޭގެ މެޗުގައި އޭދަފުށިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަލީ ފާސިރު (ސެންޓޭ) ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ހައިޝަމް ހަސަން އަށް ވެސް ގޯލު ޖަހާނެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި، ފުރަތަމަ ޕެނަލްޓީ އޭދަފުށީ ޓީމުގެ ހަމްދާން އަބްދުއްސައްތާރަށް ވައްދާ ނުލެވުނު ނަމަވެސް ފަހު ދެ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވި އެވެ. ނައިވާދޫގެ ފުރަތަމަ ޕެނަލްޓީ ވައްދާލިއިރު ދެ ވަނަ ޕެނަލްޓީ އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ވަނީ ހިފަހައްޓައިފަ އެވެ. ނައިވާދޫ ޓީމުގެ ތިން ވަނަ ޕެނަލްޓީ ޖެހުނީ ގޯލުގެ ދަނޑީގަ އެވެ. އޭދަފުށީގެ ފަހު ދެ ޕެނަލްޓީ ވައްދާލީ އުނައިސް ޒުބައިރު އާއި ސެންޓޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ސެންޓޭ އެވެ.

ކުއާޓާ ފައިނަލުގައި އޭދަފުށި ނުކުންނާނީ ރޭ އއ. ބޮޑުފޮޅުދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވި ރ. އިނގުރައިދޫއާ ދެކޮޅަށެވެ. މި ދެޓީމު ވަނީ ޒޯން ދޭއްގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

އޭދަފުއްޓާއި އިނގުރައިދޫގެ އިތުރުން ކުއާޓާ ފައިނަލުގައި ވާދަކުރާނީ ކ. ގުރައިދޫ، އދ. އޮމަދޫ، ލ. ގަން، ގދ. މަޑަވެލި، އަދި ތ. ތިމަރަފުއްޓެވެ. ކުއާޓާ ފައިނަލުގައި ވާދަކުރާނެ އަނެއް ޓީމަކީ ދެ ވަނަ ބުރުގެ މެޗެއް ނުކުޅެ ކޮލިފައިވި ށ. ގޮއިދޫ އެވެ. ގޮއިދޫ އޮޓަމެޓިކުން ކުއާޓާ ފައިނަލަށް ކޮލިފައިވަނީ ޒޯން ހަތެއްގެ ރަނަރަޕް ޓީމެއް ނެތުމުންނެވެ.

އޭދަފުއްޓާއި އިނގުރައިދޫ ވާދަކުރާ ކުއާޓާ ފައިނަލުގެ މެޗު ފަށާނީ މާދަމާ ރޭ 8:15 ގަ އެވެ. ސެމީ ފައިނަލް ދެ މެޗު އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.