ކަމަދޫ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފި

ބ. ކަމަދޫ އިންޖީނުގޭގައި ބަހައްޓާފައިހުރި ޖަނަރޭޓަރުތައް މައްސަލަޖެހުމުގެ ކުރިން ނަގާފައިވަ ފޮޓޯއެއް. ފޮޓޯ: އަބްދުލްޤައްޔޫމް

ބ. ކަމަދޫ އިންޖީނުގޭގައި ހުރި އިންޖީނުތަކުގައި މައްސަލަ ޖެހި މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު، މިދިޔަ ބުރާސްފަތި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި ކަމަށް ކަމަދޫ ކައުންސިލަރ އަޙުމަދު ޝަފީޤު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޖީނު މަރާމާތުގެ ކަންތައް ރައްޔިތުން ޙަވާލު ކޮށްފައި ވަނީ ރ. މީދޫ މީހަކާ ކަމަށާއި މި ފަހަރު ވެސް އޭނާ އައިސް 2 އިންޖީނު ހަދާފައިވާ ކަމަށެވެ.

ޝަފީގު އިތުރަށް ވިދާޅުވީ މި ފަހަރު އިންޖީނުތައް މަރާމަތު ކުރުމަށް ގާތްގަނޑަކަށް 5،000ރ. ވަރު ރައްޔިތުންގެ ފައިސާ އިން ޚަރަދުވި ކަމަށާއި ޖުމްލަ 4 ޖަނަރޭޓަރު ހުންނަ ކަމަދޫގައި ރަގަޅަށް މަސައްކަތް ކުރާ ހުންނަނީ އެންމެ ޖަނަރޭޓަރެއް ކަމަށް ވާތީ، އެއް އިންޖީނުން އަބަދު ކަރަންޓު ދޭން ޖެހުމުން ލޯޑު ބޮޑުވެ ކަރަންޓު ކެނޑެމުންދާ ކަމަށެވެ.

“މި ރަށުގައި ހުރޭ 4 ޖަނަރޭޓަރު. ހިނގާ މި ހުންނަނީ 2 ޖަނަރޭޓަރު. އެކަމަކު ރަގަޅަށް ޚިދުމަތް ދެވޭ މި ހުންނަނީ އެންމެ އިންޖީނެއް. ދެން އެ އިންޖީނުން އަބަދު ކަރަންޓު ދޭންވީމަ ލޯޑު ބޮޑު ވަނީ. އެންމެ ފަހުން އެ އިންޖީނު ވެސް ހަލާކު ވެގެން ކަރަންޓު ދިނުން ހުއްޓާލަން ޖެހުނީ،” ޝަފީގު ވިދާޅުވި އެވެ.

މި ފަހަރު މި ހެދުނު 2 ޖަނަރޭޓަރަކީ ވެސް ޙައްލެއް ނޫން ކަމަށާއި ހަލާކުވެފައި ހުރި ޖަނަރޭޓަރުތައް ހެދޭނެ ދުވަހެއް ވެސް ނޭގޭ ކަމަށް ކައުންސިލަރ ވިދާޅުވި އެވެ.

ހަލާކުވެފައި ހުރި ޖަނަރޭޓަރުތައް މަރާމާތު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވަމުން ޝަފީގު ވިދާޅުވީ ސަބަބަކީ އެ އިންޖީނުގެ ސްޕެއަރ ނުލިބުން ކަމަށެވެ.

އިތުރު އިންޖީނު ހޯދުމުގެ މަސައްކަތް އެކިއެކި ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.